ސްޓެލްކޯގެ ސާވާއަށް ދިން ހަމަލާ އިތުރަށް ތަހުގީގު ކުރުމަށް ފުލުހަށް ހުށަހަޅައިފި އެވެ.

ސްޓެލްކޯއިން މިއަދު ބުނީ އެކުންފުނީގެ ސާވާއަށް ދިން ރެންސަމްވެއާ އެޓޭކުގެ ސަބަބުން ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، މެދުކެނޑިފައިވާ ހިދުމަތްތައް އަލުން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މައްސަލަތަކަށް އަވަސް ހައްލެއް ގެނައުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކޮށް، ލަފައާއި އެހީތެރިކަމާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"މި މައްސަލަތައް ވީހާވެސް އަވަހަށް ހައްލުކުރުމުގެ ގޮތުން ދައުލަތުގެ ކަމާބެހޭ މުވައްސަސާތަކާއި މަޝްވަރާކުރެވި، އެފަރާތްތަކުގެ ލަފާއާއި އެހީތެރިކަމާއެކު ގިނަ މަސައްކަތްތަކެއް ކުރެވެމުންދޭ. އަދި މި މައްސަލަ ބަލާ ތަހުގީގުކޮށްދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސާވިސަސްއަށް ހުށަހަޅާފައިވާކަން ވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ." ސްޓެލްކޯއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މިމަހު 24 ވަނަ ދުވަހު ސްޓެލްކޯއަށް ދިން ރެންސަމްވެއާ އެޓޭކްގެ ސަބަބުން، އެ ކުންފުނީގެ އައިޓީ ނެޓްވޯކް މެދުވެރިކޮށް ދެމުން އަންނަ ހިދުމަތްތަކާއެކު އެކުންފުނީގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތައް އަދި ހިދުމަތްދޭ ކައުންޓަރުތަކުން ދެމުންދާ ހިދުމަތްތަށް ވަނީ މެދުކެނޑިފަ އެވެ. އެ ހަމަލާގެ ސަބަބުން އެ ކުންފުނީގެ އައިޓީ ނެޓްވޯކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން، ކުންފުނީގެ ހިދުމަތްތައް ހޯދުމުގައި ކަސްޓަމަރުންނަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ހަމަލާގެ ސަބަބުން ސްޓެލްކޯގެ ހިދުމަތްތައް ދިނުމުގައި ދިމާވި ދަތިތައް އަދިވެސް އެއްކޮށް ރަނގަޅުކުރެވިފައި ނުވާކަން ފާހަގަކޮށްލެވެ އެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން ސްޓެލްކޯގެ ހެޑް އޮފީހުން ވަނީ ހިދުމަތަށް އެދި ފޯމް ހުށަހެޅުމާއި، ބިލްދެއްކުމުގެ ހިދުމަތް ފޯރުކޮށްދޭން ފަށާފަ އެވެ.