Advertisement

އިތުރު ހަ އެއާޕޯޓް އަޅަނީ

FacebookTwitterWhatsAppTelegramViber

މިހާރު ތަރައްގީ ކުރަމުން އަންނަ އެއާޕޯޓްތަކުގެ އިތުރުން، އިތުރު ހަ އެއާޕޯޓް އެޅުމަށް ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އެ ތަން މި ތަނުގައި އިތުރު އެއާޕޯޓް އެޅުމަށް ކަމަށެވެ.

"މިހާރު މަސައްކަތް ކުރިއަށްދާ އެއާޕޯޓްތަކުގެ އިތުރުން އަދި ހައެއްކަ އެއާޕޯޓް އަޅަން އެބަޖެހޭ. އަޅުގަނޑުމެންގެ އުއްމީދަކީ، މިއަދު އޮތް ސަރުކާރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މި ދެންނެވި އެއާޕޯޓްތައް އަޅައި ނިންމުން،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިތުރަށް އެއާޕޯޓްތައް އަޅަން ބޭނުންވާ ސަރަހައްދުތައް މިހާރު ފާހަގަކޮށް ނިމިފައި ކަމަށެވެ. އެހެން ނަމަވެސް، އެއީ ކޮން ސަރަހައްދުތަކެއް ކަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

ކުރީ ސަރުކާރުތަކުން ރަނގަޅަށް ކޮށްފައި ހުރި ކަންތައްތައް މި ސަރުކާރުން ދަމަހައްޓާނެކަން ފާހަގަކުރައްވަމުން، މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު އެންމެ އިސްކަމެއް ދޭނީ ރާއްޖޭގެ ރަށްތައް ކަނޑުމަގުން، ޕަބްލިކް ޓްރާންސްޕޯޓް ނިޒާމަކުން ގުޅާލުމަށް ކަމަށެވެ.

"ޑޮމެސްޓިކް މެރިޓައިމް ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ގާއިމުކުރުމަކީ އަންނަ އަހަރު ކުރާނެ އެންމެ ބޮޑު އެއް މަސައްކަތް،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ވެސް 14 އެއާޕޯޓް ހިންގަ އެވެ. އެއީ އިންޓަނޭޝަނަލް އެއާޕޯޓުތަކުގެ ގޮތުގައި ބަލަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ވިލާ އިންޓަނޭޝަނަލް އެއާޕޯޓާއި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން، ބ. ދަރަވަންދޫ، ރ. އިފުރު، ތ. ތިމަރަފުށި، ދ. ކުޑަހުވަދޫ، ގއ. ކޫއްޑޫ، ގދ. ކާޑެއްދޫ، ލ. ކައްދޫ، ހދ. ކުޅުދުއްފުށި އަދި ފުވައްމުލަކު ޑޮމެސްޓިކް އެއާޕޯޓެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި، މި އަހަރުގެ ތެރޭގައި ފަސް އެއާޕޯޓް ހުޅުވާނެ އެވެ. އެއީ، މިހާރު ހުޅުވާފައިވާ ކުޅުދުއްފުށި އެއާޕޯޓާއި މާފަރު އެއާޕޯޓުގެ އިތުރުން، ގއ. މާވަރުލު، ށ. ފުނަދޫ އަދި ޅ. މަޑިވަރުގައި ހަދަމުން އަންނަ އެއާޕޯޓެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 20 މިނިޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުމަކީ މިދިޔަ ސަރުކާރުގެ ސިޔާސަތެކެވެ. މި ސަރުކާރުން ވެސް ވަނީ އެ ސިޔާސަތު ކުރިއަށް ގެންދަން ނިންމާފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top