މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ކުންފުނީގެ މަސްލަހަތުވެރިންނާއެކު ހިޔާލު ބަދަލުކޮށް، މަޝްވަރާކުރުމުގެ ފޯރަމެއް ރޭ ބާއްވައިފި އެވެ.

"ސްޓޭކް ހޯލްޑާ ފޯރަމް"ގެ ނަމުގައި މަސްލަހަތުވެރިންނާ އެމްޕީއެލްގެ އިސްވެރިން ބައްދަލުކުރެއްވީ، ރޭ ކްރޮސް ރޯޑްސް މޯލްޑިވްސްގައި އޮތް އެމް.ޕީ.އެލްގެ "ޑިޖިޓަލައިޒޭޝަން" ކެމްޕޭން ލޯންޗްކުރުމުގެ އިވެންޓަށް ފަހު އެވެ.

މި ފޯރަމްގައި، މި ކުންފުނީގެ މަސްލަހަތުވެރިންގެ ތެރޭގައި ހިމެނޭ ކްލިއަރިން އޭޖެންޓުންނާއި، އިމްޕޯޓަރުން އަދި ޝިޕިން އެޖެންޓުން ބައިވެރިވި އެވެ.

އެމްޕީއެލްގެ ފަރާތުން މި ފޯރަމްގައި މަސްހަލަތުވެރިންނަށް މަޢުލޫމާތު ދެއްވި ޕެނަލްގައި، ސީއީއޯ ޝާހިދު އަލީ އާއި ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲ އާއި ޗީފް އޮޕަރޭޝަންސް އޮފިސަރު މުހައްމަދު މަސީހު އަބްދުލް ސައްތާރާއި ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ތޮލްހަތު ސައީދާއި ޗީފް އިންފޮމޭޝަން އޮފިސަރު އާދަމް ޝިފާން އަދި ޗީފް ރިސްކް އޮފިސަރު އިބްރާހިމް ޒާހިރު ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން، ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު މުއިއްޒު ވެސް މި ފޯރަމްގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވި އެވެ.

މި ފޯރަމްގައި ބައިވެރިވި މަސްލަހަތުވެރިން ވަނީ އެ ފަރާތްތަކަށް މިހާރު ދިމާވެފައިވާ ދަތިތައް ހިއްސާކޮށްފަ އެވެ. އަދި ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށް ބައެއް ހިޔާލުތައް ވެސް ދިނެވެ.

މި ފޯރަމްގައި ސީއީއޯ ޝާހިދު އަލީ ވަނީ ކުންފުނިން ދެމުންދާ ހިދުމަތްތައް ރަނގަޅުކުރުމުގައި، މަސްލަހަތުވެރިންގެ ފަރާތުން ލިބޭ ހިޔާލާއި އެހީތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ. މީގެ އިތުރުން، ޙިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނީ، މަސްލަހަތުވެރިންގެ ބައިވެރިވުމާއެކު ކަމަށް ސީއީއޯ ވިދާޅުވި އެވެ. އަދި މަސްހަލަތުވެރިންގެ ހިޔާލުތައް އެމްޕީއެލް އިން އަބަދު ވެސް ބަލައިގަންނާނެ ކަމަށް ސީއީއޯ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، އެމްޕީއެލްގެ އެތެރޭގައި ކުރަމުންދާ މަސައްކަތްތަކަށް ލުއިފަސޭހަކަން ލިބިގެން ދިއުމަކީ އެކަމުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް ނަތީޖާ ލިބިގެންދާނެ ކަމެއް ކަަމަށެވެ.

"އަޅުގަނޑުމެންނަށް ފަސޭހައިން ހިދުމަތް ފޯރުކޮށްދެވޭ ކަމަށްވަންޏާ، ހިދުމަތް ފޯރުކޮށްދިނުމަށް ވަރަށް ގިނަ އަވަސްތަކެއްވެ، ވަރަށް ގިނަ ކަސްޓަމަރުންނަށް އޭގެ ފައިދާ ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ކުރިން އޮންނަނީ ޑޮކްޓަރަށް ދައްކާ އުސޫލުން ނަމްބަރު ނަގައިގެން ކިއުގައި އެތަނުގައި ތިބޭ ގޮތަށް ކަމަށެވެ.

"މިހާރު އެ ކައުންޓަރުތަކެއް ނެތް، އަޅުގަނޑުމެންނަށް ވެސް އެ ހިދުމަތް ފަސޭހައިން ފޯރުކޮށްދެވި ނިޒާމްތައް އެތެރޭގައި ގާއިމްކުރެވުމުން އަޅުގަނޑުމެންގެ ހިދުމަތް ހޯދާ ފަރާތްތަށް އެ ފަސޭހަ ލިބިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ ތެރޭގައި، އެމްޕީއެލްގެ މަސްހަލަތުވެރިންނާއެކު، އިތުރު ބައްދަލުވުންތަކެއް ވެސް ބާއްވަން މި ކުންފުނިން ވަނީ ނިންމައިފަ އެވެ.