Advertisement

ދިރާގާއި ވިމެން އިން ޓެކްގެ "ގާލްސް ޓު ކޯޑް' ޕްރޮގްރާމް ނިންމާލައިފި

FacebookTwitterWhatsAppTelegramViber

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ފުވައްމުލަކުގައި ފެށި "ގާލްސް ޓު ކޯޑް' ޕްރޮގްރާމް ފުރިހަމަ ކުރުމަށް ފަހު މިދިޔަ ހުކުރު ދުވަހު ނިންމާލައިފި އެވެ.

ނިންމުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރު އަބްދުﷲ ފަލާހް ޝަރީފް އެވެ. މި ޕްރޮގްރާމް ނިންމުމުގެ ގޮތުން މިއަދު ބޭއްވި ހަފްލާގައި ކޯސް ފުރިހަމަ ކުރި ހުރިހާ ދަރިވަރުންނަށް ސެޓްފިކެޓް ދިނުން ކުރިއަށް ދިޔަ އެވެ. އަދި ކޯހުގެ ބައެއްގެ ގޮތުގައި ދަރިވަރުން ތައްޔާރުކުރި ވެބްސައިޓަތަކުގެ ތެރެއިން އެންމެ މޮޅު ތިން ވެބްސައިޓް ފާހަގަކޮށް، ދަރިވަރުންނަށް ހިތްވަރުދީ އިނާމާއި ސެކްޓްފިކެޓް ދެވުނެވެ.

މި ޕްރޮގްރާމަކީ އަންހެން ކުދިންނަށް ކޯޑްކުރަން ދަސްކޮށް ދިނުމާއި އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީ ދާއިރާ އަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށްދެވުނެވެ. އަދި ސޮފްޓްވެއާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ފެށިގެން ނިމުމާ ހަމައަށް ކުރަންޖެހޭ އެކިއެކި ކަންތައްތަކަށް ދަރިވަރުން އަހުލުވެރި ކުރުމަށާ އަދި މި ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި ތައްޔާރުކުރަންޖެހޭ ވެބްސައިޓް ތައްޔާރުކުރުމަށް އެހީތެރިވުމަށް ވިމެން އިން ޓެކްގެ ފަރާތުން މިޑް ރިވިއު ވޯކްޝޮޕެއް ކުރިއަށްގެންދެވުނެވެ.

ފުވައްމުލަކު އިންސްޓިޓިއުޓް އޮފް ލޮޖިސްޓިކްސް އެންޑް ޓެކްނޮލޮޖީގައި ހިންގުނު މި ޕްރޮގްރާމު ޖުމްލަ 16 ދަރިވަރުން ފުރިހަމަ ކުރިއެވެ. މި ޕްރޮގްރާމްގައި ބައިވެރިވީ 14 އަހަރާއި 20 އަހަރުގެ އުމުރުފުރައިގެ ކޯޑިން އަށް މުޅިން އާ ކުދިންނެވެ.

ނިންމުމުގެ ހަފްލާގައި، ބައިވެރިވި ދަރިވަރުންގެ ފަރާތުން އާމިނަތު ރުވާއު ވާހަކަ ދެއްކިއެވެ. މިޕްރޮގާމުން ވަރަށް ބައިވަރު މައުލޫމާތު ލިބިއްޖެ ކަމަށާއި ކޯޑިން އާއި ޕްރޮގްރާމިން އަކީ އަންހެން ކުދިންނަށް ކުރަން ވަރަށް ރަނގަޅު ކަމެއް ކަމަށް ރުވާއު ބުންޏެވެ. އަދި މިފަދަ ޕްރޮގްރާމެއް އަންހެން ކުދިންނަށް ހާއްސަކޮށްގެން ފުވައްމުލަކުގައި ހިންގީތީ ދިރާގަށާއި ވިމެން އިން ޓެކް އަށް ޝުކުރު އަދާކުރި އެވެ.

ވިމެން އިން ޓެކް މޯލްޑިވްސް އިން ބުނި ގޮތުގައި ދަރިވަރުން ތައްޔާރުކޮށްފައިވާ ވެބްސައިޓްތަކުގެ ފެންވަރު ވަރަށް ރަނގަޅެވެ. އަދި ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންގެ ހުނަރާއި އެ ކުދިން ކޯޑިން އަށް ހުރި ޝައުގު ހާމަވެގެން ހިނގައްޖެ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.

ދިރާގުން ބުނި ގޮތުގައި، ޓެކްނޮލިޖީ ދާއިރާގައި ޒުވާން އަންހެން ކުދިން ބާރުވެރިކުރުވައި ޓެކްނޮލޮޖީގެ ދާއިރާ އަށް ޝައުގުވެރިކަން އިތުރު ކުރުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގައި އިތުރު ހާއްސަ އަހައްމިޔަތުކަމެއް ދޭން ބޭނުންވާ ދާއިރާ އެކެވެ.

މިޕްރޮގްރާމްގެ ނަތީޖާ އަށް ބެލުމަށް ފަހު، ސީރީސްގެ އެހެން ޕްރޮގްރާމްތައް ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ހިންގަން ރާވާފައިވާ ކަމަށް ދިރާގާއި ވިމެން އިން ޓެކް އިން ބުންޏެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top