ހިޔާ މަޝްރޫއުގެ ދަށުން އެމްޑަބްލިޔުއެސްސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ފްލެޓްތައް އަންނަ ޖޫން މަހު މުވައްޒަފުންނަށް ދޫކުރެވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.

ޝާހު މިހެން ވިދާޅުވީ އެމްޑަބްލިއުއެސްސީއަށް 27 އަހަރު ފުރުން ފާހަގަ ކުރުމަށްޓަކައި މިއަދު ހެނދުނު ބޭއްވި ކޭކު ފެޅުމުގެ ހާއްސަ ރަސްމިއްޔާތްގައި ވާހަކަ ދައްކަވަމުންނެވެ.

ޝާހު ވިދާޅުވީ އެމްޑަބްލިޔުއެސްސީގެ ހިޔާ ޓަވަރު މަސައްކަތް މޭ މަހު ނިމޭނެ ކަމަށެވެ. އަދި މިހާރު ކުރަމުން އަންނަނީ ފިނިޝިންގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މުވައްޒަފުންނާއި ބައްދަލުކުރާ ކޮންމެ ފަހަރު އަހާ ކޮންއިރަކުހޭ ފްލެޓް ނިމޭނީ. އެ ފްލެޓް އަންނަ މެއި މަހުގައި ނިމޭނެ އަދި ފްލެޓަށް އެދުމަށް ތިންވަނަ ފަހަރަށް ފުރުސަތު ހުޅުވާލާނަން. ދެ ވަނަ ޓަވަރެއް ވެސް އެޅުމުގެ އުންމީދު އެބަ އޮތް،" ޝާހު ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގެ 27 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ކޭކުފެޅުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މުވައްޒަފުން ބައިވެރިވަނީ. ފޮޓޯ: އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީން ހިޔާ މަޝްރޫއުގެ ދަށުން އަޅަނީ 15 ފަންގިފިލާގެ ދެޓަވަރެވެ. އެއީ ޖުމްލަ 384 އެޕަރޓްމަންޓެވެ. ނަމަވެސް އެ ކުންފުނިން ފަށާފައިވަނީ އެއް ޓަވަރުގެ މަސައްކަތެވެ. އެޓަވަރުގަ 1 ކޮޓަރިއާ 2 ކޮޓަރި އާއި 3 ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނެއެވެ. އެގޮތުން ފުރަތަމަ ފަންގިފިލާއިން ފެށިގެން ހަތަރުވަނަ ފަންގިފިލާއާ ދެމެދު ހިމެނެނީ އެއް ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. އަދި ފަސްވަނަ ފަންގިފިލާއިން ފެށިގެން 14 ވަނަ ފަންގިފިލާއާ ދެމެދު ހިމެނެނީ 2 ކޮޓަރިއާ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ.

ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ބައެއް މުވައްޒަފުން އެޕްލިކޭޝަން ހުށަހަޅާފައި ވެއެވެ. އަދި ބާކީ ހުރި ފްލެޓްތަަކަށް ވެސް ކުރިމަތިލާން ވަރަށް އަވަހަށް ހުޅުވާލާނެ އެވެ.

އެމްޑަބްލިޔުއެސްސީގެ 27 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޑީ ޝާހު ވާހަކަ ދައްކަވަނީ.. ފޮޓޯ: އެމްޑަބްލިޔުއެސްސީ

މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ އެމްޑަބްލިޔުއެސްސީ އަކީ މިހާރު ރާއްޖޭގައި އޮތް ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކުންފުނިކަމަށާއި، ވޭތުވެދިޔަ 27 އަހަރު ތެރޭގައި ކުންފުނިންވަނީ އިންޖީނިއަރިން އަދި މެނުފެކްޗަރިންގެ ދާއިރާއިން ވެސް ގިނަ ގުނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ 27 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ކޭކުފެޅުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މުވައްޒަފުން ބައިވެރިވަނީ. ފޮޓޯ: އެމްޑަބްލިއުއެސްސީ

ފެނާއި ނަރުދަމާގެ ހިދުމަތަކީ، ރައްޔިތުންގެ ކޮންމެ ދުވަހަކާ ގުޅިފައިވާ ހިދުމަތެއްކަން ފާހަގަ ކުރައްވަމުން ޝާހު ވިދާޅުވީ މިއަހަރަކީ އެމްޑަބްލިޔުއެސްސީއިން ހަޔާތުގައި އެންމެ ގިނަ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އަހަރު ކަމަށެވެ. މިހާރު 34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ނިންމަށް ކަނޑައަޅާފައިވާ ތާރީޙުގައި ނިންމުމަށް ކުންފުނީގެ ހުރިހާ މުވައްޒަފުންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަ ކުރެއްވި އެވެ.

އެމްޑަބްލިޔުއެސްސީގެ އަހަރީ ދުވަހަކީ އޭޕްރީލް ފުރަތަމަ ދުވަހެވެ.