Advertisement

ށ. ފުނަދޫގައި ހަދާ އެއާޕޯޓުގެ ރަންވޭގައި ތާރު އަޅާ ނިންމާފައި.

ގދ. މާވާރުލާއި ށ. ފުނަދޫގައި ހަދާ އެއާޕޯޓް ހުޅުވަން ތައްޔާރުވެއްޖެ

FacebookTwitterWhatsAppTelegramViber

ގދ. މާވާރުލު އަދި ށ. ފުނަދޫގައި ހަދަމުން އަންނަ އެއާޕޯޓް ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން މިހާރު ވަނީ މާވަރުލު އަދި ފުނަދޫ އެއާޕޯޓުގެ ރަންވޭ ލައިޓިން ސިސްޓަމް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފަ އެވެ. މީގެ އިތުރުން، ދާދި ފަހުން ހުޅުވާފައިވާ ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ބޭނުންވާ ލައިޓިން ސިސްޓަމް ހޯދައި ބެހެއްޓުން ވެސް މި ބީލަމުގައި ހިމެނެ އެވެ.

މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ފީއެއް ދައްކަންޖެހެ އެވެ. މި ފީ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 12:00 އަށް ފިނޭންސް މިނިސްޓްރީންނެވެ. އަދި މި ބީލަމާ ގުޅޭ ހުރިހާ ޑޮކިއުމަންޓެއް އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.

ކޮންމެ އެއާޕޯޓަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 38،550 ރުފިޔާ ހުށަހަޅަން ޖެހެ އެވެ. ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އެވެ.

މާވާރުލު އެއާޕޯޓުގައި 1،200 މީޓަރު ދިގު ރަންވޭއެއް އެޅުމުގެ އިތުރުން، އެ ތަނުގައި ޓެކްސީވޭ އަކާއި އޭޕްރަން އަކާއި ޖެޓީއެއް ހެދުމަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. ގާތްގަނޑަކަށް 57 މިލިއަން ރުފިޔާ ހަރަދުވާ މި މަސައްކަތް ނިންމައި އެއް މަސްދުވަހުގެ ތެރޭގައި ސަރުކާރާ ހަވާލުކުރެވޭނެ ކަމަށް މިދިޔަ ޖޫން މަހު އެމްޓީސީސީން ބުނެފައިވެ އެވެ.

ފުނަދޫ އެއާޕޯޓުގެ ރަންވޭ އާއި އޭޕްރަން އަދި ޓެކްސީ ވޭގެ ހުރިހާ މަސައްކަތް ނިންމައި އެމްޓީސީސީން ވަނީ މިދިޔަ މާޗު މަހު ސަރުކާރާ ހަވާލުކޮށްފަ އެވެ. ފުނަދޫގެ އުތުރުކޮޅުގެ ހުޅަނގު ފަރާތު ފަޅުތެރެއިން 21 ހެކްޓަރުގެ ބިން ހިއްކައިގެން 1،200 މީޓަރުގެ ރަންވޭއެއް ހެދުމަށް ގާތްގަނޑަކަށް 50 މިލިއަން ރުފިޔާގެ ހަރަދުވި އެވެ.

ށ. އަތޮޅުގައި އެއާޕޯޓެއް ނެތުމުން، އެ ސަރަހައްދާ ކައިރީގައި އޮންނަ އެއާޕޯޓަކަށް ދިއުމަށް ގިނަ ވަގުތުތަކެއް ހޭދަ ކުރަން ޖެހެ އެވެ. އެގޮތުން ލޯންޗެއްގައި ފުރައިގެން ރ. އިފުރު، ހދ. ކުޅުދުއްފުށި ނުވަތަ ހަނިމާދޫ އެއާޕޯޓަށް ދާން ގަޑިއިރަކަށް ވުރެ ގިނައިރު ހޭދަކުރަން ޖެހެ އެވެ.

ރާއްޖޭގައި މިހާރު ވެސް 14 އެއާޕޯޓް ހިންގަ އެވެ. އެއީ އިންޓަނޭޝަނަލް އެއާޕޯޓުތަކުގެ ގޮތުގައި ބަލަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ވިލާ އިންޓަނޭޝަނަލް އެއާޕޯޓާއި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން، ބ. ދަރަވަންދޫ، ރ. އިފުރު، ތ. ތިމަރަފުށި، ދ. ކުޑަހުވަދޫ، ގއ. ކޫއްޑޫ، ގދ. ކާޑެއްދޫ، ލ. ކައްދޫ، ހދ. ކުޅުދުއްފުށި އަދި ފުވައްމުލަކު ޑޮމެސްޓިކް އެއާޕޯޓެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި، މި އަހަރުގެ ތެރޭގައި ފަސް އެއާޕޯޓް ހުޅުވާނެ އެވެ. އެއީ، މިދިޔަ އޮގަސްޓް މަހު ހުޅުވި ކުޅުދުއްފުށި އެއާޕޯޓާއި މިދިޔަ އާދިއްތަ ދުވަހު ހުޅުވި މާފަރު އެއާޕޯޓުގެ އިތުރުން، މާވަރުލު، ފުނަދޫ އަދި ޅ. މަޑިވަރުގައި ހަދަމުން އަންނަ އެއާޕޯޓެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 20 މިނިޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުމަކީ މިދިޔަ ސަރުކާރުގެ ސިޔާސަތެކެވެ. މި ސަރުކާރުން ވެސް ވަނީ އެ ސިޔާސަތު ކުރިއަށް ގެންދަން ނިންމާފަ އެވެ. އެގޮތުން، އެ ސިޔާސަތާ އެއްގޮތަށް، އިތުރު ހަ އެއާޕޯޓް ތަރައްގީކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top