މިނިމަމް ވޭޖު ތައާރަފްކުރުމުން ރިސޯޓުތަކަށް މާލީ ގޮތުން ކުރާ އަސަރު ކުޑަކޮށްދިނުމަށް ރާއްޖޭގެ ގިނަ ހިސާބުތަކުގައި ހިންގާ ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރަން ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުން އިއްޔެ އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު (އަރާއިރު) ހުށަހެޅުއްވި ބިލު ސަރުކާރުން ފޮނުވާފައިވަނީ މައިގަނޑު ގޮތެއްގައި ތިން ކަމެއް ހާސިލުކުރުމުގެ ބޭނުމުގަ އެވެ.

މި ބިލު ހުށައެޅި މައިގަނޑު ސަބަބުތަކުގެ ގޮތުގައި ބުނެފައިވަނީ ޖޮއިންޓް ވެންޗާ (ޖޭވީ)ގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ރަށްތައް ކުއްޔަށް ހިފާފައިވާ ކުންފުނިތަކުގެ ހިއްސާ ވިއްކާލުމުގެ އަގު ގާނޫނުން ކަނޑައެޅުމުގެ ބަދަލުގައި މާކެޓުގައި އެ އިރެއްގައި ހުރި އަގަށް ބަލައިގެން ދެ ފަރާތުގެ ހައްގު ވެސް ހިމާޔަތް ކުރެވޭނެ ގޮތަކަށް ހިއްސާގެ އަގު ކަނޑައެޅޭނެ ގޮތަށް ގާނޫނު ބަދަލު ކުރުމާއި ކައުންސިލްތަކަށް އެކަށީގެންވާ އާމްދަނީއެއް ލިބޭ ފަދަ ގޮަތަކަށް މާކެޓް ވެލިއުއަށް ބިންތައް ކުއްޔަށް ދޫކުރުމަށް ފުރުސަތު ދިނުމެވެ. އަދި މިނިމަމް ވޭޖު ތައާރަފްކުރުމުން ރިސޯޓުތަކަށް މާލީ ގޮތުން ކުރާ އަސަރު ކުޑަކުރުމުގެ ގޮތުން ބިމު ކުއްޔަށް ބަދަލު ގެނައުމުގެ އުސޫލުތައް ބަޔާންކުރުމެވެ.

އެގޮތުން އެންމެ ގިނަ ރިޒޯޓު މި ވަގުތު ހިންގާ އަތޮޅުތައް ކަމުގައިވާ ނ.، ރ.، ބ.، ޅ.، އއ.، ކ.، އދ.، ވ.، މ.، ފ.، އަދި ދ.، އަތޮޅުގައި ހިންގާ ރިޒޯޓުތަކުގެ ތެރެއިން 200،000 އަކަމީޓަރަށްވުރެ ކުޑަ ބިންތަކަށް މިހާރު އޮތް ކުއްޔަކީ އަކަމީޓަރަކަށް ހަ ޑޮލަރާއި 750،000 ޑޮލަރާ ދެމެދުގެ އަގެކެވެ. ކުރިން މި ކެޓަރީއަށް ނަގަން އޮންނަނީ 8 ޑޮލަރާއި 500،000 ޑޮލަރާ ދެމެދުގެ އަގެކެވެ.400،000 އަކަމީޓަރަށްވުރެ ކުޑަ ބިންތަކަށް ކުލީގެ ގޮތުގައި ނެގުމަށް އިސްލާހުގައި ހުށަހަޅާފައިވަނީ 1.1 މިލިއަން ޑޮލަރެވެ. އެއީ ކުރިން 1.5 މިލިއަން ޑޮލަރު ނަގަމުން އައި ކެޓަގަރީއެކެވެ. އަދި 400،000 އަކަމީޓަރަށްވުރެ ބޮޑު ބިންތަކުން 1.5 މިލިއަން ރުފިޔާ ނަގަން ހުށަހަޅާފައިވެއެވެ. އެއީ ކުރިން 2 މިލިއަން ޑޮލަރު ނަގަމުން އައި ކެޓަގަރީއެކެވެ.