ކޮވިޑް-19ގެ ވަބާއިން ލިބުނު ބޮޑު ގެއްލުމުން އަރައިގަންނަނިކޮށް، ރަޝިޔާ- ޔުކްރޭން ހަނގުރާމައިގެ ސަބަބުން ޓޫރިސްޓުން އައުން މަދުވުމުން ބޮޑު ގެއްލުމެއް ވަމުންދާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

ރަޝިއާއަކީ ކޮވިޑަށް ފަހު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. ހަނގުރާމަ ފެށި މިދިޔަ ފެބްރުއަރީ މަހާ ވެސް އެންމެ ގިނަ ޓޫރިސްޓުން އައީ އެ ގައުމުންނެވެ. އެ ގައުމުން ފެބްރުއަރީ މަހު އެކަނި ވެސް 49،364 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެ އެވެ. ނަމަވެސް ހަނގުރާމަ ފެށިތާ މާގިނަ ދުވަހެއް ނުވަނީސް ޔޫރަޕާއި އެމެެރިކާ އިސްވެ އޮވެ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި ރަޝިޔާ އަށް ވަނީ އިގްތިސާދީ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފަ އެވެ. އަދި އޭގެ އަސަރު ޔޫރަޕްގެ ވަރަށް ގިނަ ގައުމުތަކަށް ވެސް ދަނީ ކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް އަދިވެސް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ރަޝިޔާ ހިމެނޭ ގޮތަށް ޔޫރަޕްގެ ގައުމުތަކުންނެވެ.

ރަޝިއާއަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް އޭގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. އެގޮތުން ރާއްޖެއަށް އަންނަ ޓޫރިސްޓުން މަދުވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އާމްދަނީ ވެސް ވަނީ މަދުވާން ފަށައިފަ އެވެ.

ބުރާސްފަތި ދުވަހު "ހުރިހާ"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ ކޮވިޑާ ހެދި ލިބުނު ގެއްލުމުން އަރައިގަންނަނިކޮށް ޔުކްރޭންގެ ހަނގުރާމައިގެ ސަބަބުން އެ ކުންފުންޏަށް ގެއްލުންތަކެއް ވަމުން އަންނަ ކަމަށެވެ.

"ކޮވިޑުގެ ކުރީގައި ހުރި މިންވަރަށް ފްލައިޓް މޫވްމަންޓް އަދި މުޅިން އިތުރު ނުވި ނަމަވެސް ގާތްގަނޑަކަށް 90 ޕަސެންޓަށް އަރައިފި. އަދި 2019 ވަނަ އައި އެއާލައިންތަކުގެ 70 ޕަސެންޓް ވަރު މިހާރު އެބަ އާދޭ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ނޮވެމްބަރު އެމްއޭސީއެލް ހިންގެވުމާ ހަވާލުވުމަށް ފަހު ފުރަތަމަ ފަހަރަށް ދެއްވި އިންޓަވިއުގައި ތޯހާ ވިދާޅުވީ ހަނގުރާމައިގެ ސަބަބުން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް ހަ މިލިއަނެއްހާ ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށެވެ.

"މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އާމްދަނީ އައީ އިތުރުވަމުން. އަޅުގަނޑުމެން ލަފާކުރި މިންވަރަށް ވުރެ ވެސް ރަނގަޅު އާމްދަނީ މިދިޔަ ދެ މަސް ދުވަހު ލިބިފައިވޭ،" އޭނާ ވިދާޅުވި އެވެ.

ތޯހާ ވިދާޅުވީ އެ ކުންފުނިން އުއްމީދުކުރަނީ އަނެއްކާ ވެސް ރަޝިއާ އާއި ޔޫރަޕުން އަންނަ ފްލައިޓްތައް މި އަހަރުގެ ތެރޭގައި އިތުރުވެ، ކުންފުންޏަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ވަރަށް ރަނގަޅު ސްޕީޑެއްގައި ފަސިންޖަރުން އިތުރުވަމުން އައި ތަން. އެކަމަކު ހަނގުރާމައާ ހެދި މިހާރު ކޮންމެ ވެސް ވަރަކަށް ދަށަށް ދާން ވަނީ ފަށާފައި،" އޭނާ ވިދާޅުވި އެވެ.