މިއަހަރުގެ ރޯދަ މަސް މާދަމާ ފެށޭއިރު މާލޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިއްޖެ އެވެ.

ކަލަނޑަރުގައިވާ ގޮތުން މާދަމާއަކީ މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހެވެ.

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ދިމާކޮށް ބާޒާރުގެ އަގުތައް އިންތިހާއަށް އުފުލިގެންދެ އެވެ. އެގޮތުން މިއަހަރުގެ ރޯދަ މަސް ފެށޭއިރު ވެސް ބައެއް ބާއްވަތްތަކުގެ އަގު ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. އަދި ރާއްޖެއިން ބޭރުން ގެންނަ ބައެއް ތަކެތި ލިބުމުގެ ދަތިކަން ވެސް މިއަހަރު ރޯދަ މަހު ކުރިމަތިވާނެ ކަމަށް ވިޔާފާރިވެރިން ބުންޏެވެ. އެއީ ކޮވިޑާ ގުޅިގެން ދުނިޔޭގެ ސަޕްލައިން ޗެއިންގައި ހުރި މައްސަލަތަކާ ގުޅިގެން ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

މާލޭ ލޯކަލް މާރުކޭޓް ވިއްކާ ތަކެތީގެ ތެރެއިން އެންމެ ބޮޑަށް ޑިމާންޑް އޮންނަ އެއް ބާއްވަތަކީ ކަނޑޫދޫ މިރުހާއި ތޮއްޑޫ ކަރަ އެވެ. ކަނޑޫދޫ މިރުހުގެ އަގު ހުރީ 100 ގްރާމް، 65 ރުފިޔާ އާއި 70 ރުފިޔާއާ ދެމެދުގަ އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެންމެ ބޮޑަށް އަގު އުފުލޭނެ ކަމަށް ބެލެވެނީ މިރުހުގެ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

ލޯކަލް މާރުކޭޓްގައި ވިއްކަން ބަހައްޓާފައި ހުރި ކަނޑޫދޫ މިރުސް. ކިލޯއެއް އުޅެނީ 700 ރުފިޔާ އަށް. ފޮޓޯ: ހުރިހާ

ބާޒާރުގައި ކަރާ ކިލޯއެއް ލިބެން ހުރީ 25 ރުފިޔާއާއި 30 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ. ކުރިން ކަރާ ކިލޯއެއް ވިއްކަމުން ދިޔައީ 20 ރުފިޔާއަށެވެ.

ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި ކަރާ ވިއްކާ އަގު ބޮޑުވި ނަމަވެސް ފަހު ކޮޅުގައި ކަރަލުގެ އަގު ހެޔޮވެގެންދާނެ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

މިހާރު ބާޒާރުގައި އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ލުނބޯ އެވެ. އެގޮތުން މިހާރު ލުނބޯ ކިލޯއެއް އުޅެނީ 150 ރުފިޔާ އަށެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން ލުނބޯ ކިލޯއެއް 195 ރުފިޔާއަށް ވެސް ވިއްކާފައިވެ އެވެ.

މާރުކޭޓުން ލިބެން ހުރި ކާށީގެ އަގަށް ބަލާއިރު ކާއްޓެއް 3 ރުފިޔާއާއި 15 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައި ހުރިއިރު ގަބުޅި ވިއްކަނީ 15 ރުފިޔާއާއި 25 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގަ އެވެ.

ތަރުކާރީ އާއި މޭވާގެ ބައެއް ބާއްވަތްތަކުގެ އަގު އަދި ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. އަދި ބައެއް ބާވަތްތައް ބާޒާރުގައި މަދުކަން ވެސް ފާހަގަކުރެވެ އެވެ.