ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޕެސެންޖާ ޓާމިނަލްގެ މަސައްކަތް ނުހުއްޓޭ ކަމަށާއި އެތަނުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް އެމްއޭސީއެލްގެ އެކްޓިން ސީއީއޯ އިބްރާހިމް ތޯހާ ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު "ހުރިހާ"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ތޯހާ ވިދާޅުވީ ޓާމިނަލްގެ މަސައްކަތަށް ބޭނުންވާ ހުރިހާ ފައިސާއެއް ލިބިފައިވާ ކަމަށެވެ. އަދި އެތަނުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިޔަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާ ޓާމިނަލް ހަދަނީ، މިހާރުގެ ޓާމިނަލްގެ ދެކުނު ފަަރާތުގައި، 78،000 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ.

އާ ޓާމިނަލްގެ މަސައްކަތް ކުރީގެ ސަރުކާރުން ހަވާލުކުރީ ސައުދީ ބިންލާދިން ގްރޫޕާ އެވެ. އެއީ، ސައުދީ އަރަބިއްޔާގެ ވެސް އެންމެ ވަރުގަދަ އެއް ކުންފުންޏެވެ. އަދި އެ މަސައްކަތުގެ ސަބް ކޮންޓްރެކްޓަރަކީ ސިނަމާލެ ބްރިޖް ހެދި ޗައިނާގެ ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އެވެ.

އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ޒަމާނީ ވަސީލަތްތަކާ އެކު ހަދާ ޓާމިނަލްގެ މަސައްކަތް ބިން ލާދިން ގްރޫޕާ ހަވާލުކުރީ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) އަށެވެ. އެ މަސައްކަތް، 2019 ވަނަ އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ތަފާތު ސަބަބުތަކާ ހެދި މަޑުޖައްސާލައިފަ އެވެ.

މި މަސައްކަތަށް ފައިސާ ޚަރަދު ކުރަނީ ސައޫދީ އާއި އަބޫދާބީ އަދި ކުވެއިތު ފަންޑުން އުފައްދާފައިވާ ކޮންސޯޓިއަމަކުންނެވެ.

"އާ ޕެސެންޖާ ޓާމިނަލްގެ މަސައްކަތުގެ އެއްބަސްވުމަށް ގެންނަން ޖެހުނު ބަދަލުތަކަށް ފަހު މިހާރު މަސައްކަތް ބާރަށް ކުރިޔަށް އެބަދޭ. އަޅުގަނޑުމެން މި ޓާގެޓް ކުރަނީ އަންނަ އަހަރުގެ ތެރޭގައި ނިންމަން،" ތޯހާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްބަސްވުމަށް ގެނައި ބަދަލާއެކު އިތުރުވި ފައިސާ ވެސް ފަންޑު ދޭ ފަރާތްތަކުން ހަމަޖައްސައިދީފައިވާ ކަމަށެވެ.

"މިހާރު މަސައްކަތް ކުރިޔަށްދާ ގޮތުން އަންނަ އަހަރު ނިމޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު. މިހާރު އެހެރީ ސްޓްރަކްޗާގެ ބޮޑު ބައި ނިމިފައި،" ތޯހާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ ޓާމިނަލް ނިމުމުން މިހާރު ބޭނުންކުރާ ޓާމިނަލް ބިލްޑިންގް ވެސް އިންޓަނޭޝަނަލް ބައެއް ދަތުރުތަކަށާއި ޑޮމެސްޓިކް ދަތުރުތަކަށް ބޭނުންކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ވިސްނާފައި އޮތީ ދެ ޓާމިނަލް ވެސް އެއްކޮށް ބޭނުންކުރަން. މިހާރު މިއަންނަ ޕެސެންޖާ މޫވްމަންޓަށް ބަލާއިރު ދެ ޓާމިނަލް ވެސް އިންޓަނޭޝަނަލް ފަސިންޖަރުންނަށް ބޭނުންކުރަން ޖެހޭނެ،" ތޯހާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ ޓާމިނަލްގެ ޕެސެންޖާ އެކްސްޕީރިއަންސް ވަރަށް ބޮޑަށް ތަފާތުވާނެ ކަމަށެވެ. އެގޮތުން ވަރަށް ގިނަ ހިދުމަތްތައް އޮޓޮމޭޓްކުރެވޭނެ ކަމަށް ވެސް ތޯހާ ވިދާޅުވި އެވެ.

"ރާއްޖެއަށް މިއަންނަނީ ދުނިޔޭގެ އެންމެ މުއްސަނދި ޓޫރިސްޓުން. އެ މީހުންނަށް މިތަނުގެ އެއާޕޯޓުން ވެސް ލިބެން ޖެހޭނީ އެންމެ މަތީ ފެންވަރުގެ ޒާމާނީ ހިދުމަތްތައް،" އޭނާ ވިދާޅުވި އެވެ.