Advertisement

އެއްބަސްވުންތަކުގައި ސޮއިކުރުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ އެހީ: ރުޕޭ ކާޑް ތައާރަފްކޮށް، 3 ރަށެއްގައި މަސްފެކްޓްރީ އަޅައިދެނީ

FacebookTwitterWhatsAppTelegramViber

ފައިސާގެ މުއާމަލާތްތަކުގައި ބޭނުންކުރުމަށް އިންޑިއާ އިން އަމިއްލަ އަށް ތަރައްގީކޮށްފައިވާ "ރުޕޭ" ކާޑު ރާއްޖެ އަށް ތައާރަފްކުރުމާއި ރާއްޖޭގެ ތިން ސަރަހައްދެއްގައި މަސްފެކްޓްރީ ގާއިމްކޮށްދިނުން ހިމެނޭ ގޮތަށް، ރާއްޖެ އާއި އިންޑިއާއާ ދެމެދު މުހިންމު ހަތަރު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެވަޑައިގެންފަ އެވެ.

މިއަދު ސޮއިކުރެވުނު ހަތަރު އެއްބަސްވުމުގެ ތެރޭގައި، ރާއްޖޭގެ ތިން ސަރަހައްދެއްގައި "ގޭދޮށު މަސް ޕްލާންޓް" ގާއިމުކުރުމުގެ އެއްބަސްވުމަކާއި ރުޕޭ ކާޑު ރާއްޖެ އަށް ތައާރަފުކުރުމާ ބެހޭ އެއްބަސްވުމެއް އަދި މާލޭގެ މަގުބައްތިތައް ލެޑް ބައްތި އަށް ބަދަލުކުރުމުގެ މަޝްރޫއު އިފްތިތާހް ކުރުމުގެ އެއްބަސްވުމެއް ހިމެނެ އެވެ. މި އެއްބަސްވުންތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު އެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މަސްފެކްޓަރީ އަޅައިދެނީ އައްޑޫގެ އިތުރުން، ކ. ގާފަރު އަދި ރ. މަޑުއްވަރީގަ އެވެ.

"ވިސާ" އަދި "މާސްޓަކާޑް" ގޮތަށް ބޭނުންކުރުމަށް އިންޑިއާ ސަރުކާރުން އުފައްދާފައިވާ "ރުޕޭ" ކާޑު ރާއްޖެ އަށް ތައާރަފްކުރުމާ އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްތަކުގައި މި ކާޑު ބޭނުން ކުރެވޭނެ އެވެ. ރާއްޖެ އަށް ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރާ އިންޑިއާގެ ގިނަ އަދަދެއްގެ ބަޔަކު މި ކާޑު ބޭނުންކުރާއިރު، މިއީ ރާއްޖެ އަންނަ އިންޑިއާގެ ޓޫރިސްޓުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހަ އެކެވެ.

މީގެ އިތުރުން، އިންޑިއާ އިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރާ ކަނޑުއުޅަނދު ދިވެހި ސަރުކާރާ ރަސްމީކޮށް ހަވާލުކުރުމުގެ އެއްބަސްވުމުގައި ވެސް މިއަދު ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި ވަނީ، މި ވެވުނު އެއްބަސްވުމުގެ ދަށުން ކުރެވޭ ކަންތައްތަކުގެ ސަބަބުން ރާއްޖޭގެ ތަރައްގީ އަށް ކުރިއެރުންތަކެއް އަންނާނެކަން ފާހަގަކުރައްވާފަ އެވެ.

ބޮޑެވަޒީރު މޯދީގެ ވާހަކަފުޅުގައި، އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ވަރުގަދަވަމުން އަންނަކަން ފާހަގަކުރައްވައި ކުރިއަށް އޮތް ތަނުގައި ވެސް ގުޅުން އިތުރަށް ވަރުގަދަކޮށް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަަމަށް ވިދާޅުވި އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން މިދިޔަ ސަރުކާރުގައި ވަރަށް ބޮޑަށް ހީނަރުވެފައި އޮތުމަށް ފަހު އަނެއްކާ ވެސް ރަނގަޅުވާން ފަށާފައިވާއިރު، އިންޑިއާ އިން ވަނީ ރާއްޖެ އަށް 800 މިލިއަން ޑޮލަރު (12.4 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓް ހަމަޖައްސައިދީފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އިއުލާނު ކުރި މި ލައިން އޮފް ކްރެޑިޓްގެ ދަށުން ދިވެހި ސަރުކާރުން ހުށަހަޅާ މަޝްރޫއުތަކަށް އިންޑިއާގެ އެގްޒިމް ބޭންކުން ލޯނު ދޫކުރާނެ އެވެ. ފަސް އަހަރު ފަހުން ދައްކަން ފަށައި 15 އަހަރުދުވަހުގެ ތެރޭގައި ހަލާސް ކުރަންޖެހޭ މި ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ 1.75 ޕަސެންޓެވެ.

މީގެ އިތުރުން، އިންޑިއާގެ އޭރުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް މާޗު 17 އިން 18 އަށް ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ 100 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ޕެކޭޖެއް އިއުލާނު ކުރައްވާފަ އެވެ. އެ އެހީގެ ދަށުން މިހާރު ވެސް ބައެއް މަޝްރޫއުތަކަށް އެހީ ހަމަޖައްސައިދީފައިވެ އެވެ.

ހަމަ އެއާ އެކު، އިންޑިއާ އިން ވަނީ ރާއްޖޭގެ ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) ދިނުމަށް ނިންމާފަ އެވެ. އަދި ބޮޑުވަޒީރު މޯދީ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި، 26 މިލިއަން ޑޮލަރު (400 މިލިއަން ރުފިޔާ) ގެ އަގުހުރި ދެ މަޝްރޫއުއެއް ފައްޓަވައިދެއްވާފައިވެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top