ރޯދަ މަހާ ގުޅިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތައް ކައިރީގައި ހެދި ވަގުތީ މާރުކޭޓުން 17 ފަރާތަކާ ގޮޅިތައް ހަވާލުކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އެ މާރުކޭޓުތައް އަޅަނީ ހިޔާ ފްލެޓްތަކާއި ދިމާލުން އަތިރިމައްޗާވީ ފަޅީގައި ކަމަށެވެ. ގޮޅިތަކަށް ކުރިމަތިލުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލީ ހިޔާ ފްލެޓްގެ ވެރިންނަށެވެ.

އެގޮތުން އެ ސަރަހައްދުގައި ތަރައްގީކުރި ލޯކަލް މާރުކޭޓުގެ 19 ގޮޅިއެއް ދޫކޮށްފައިވާއިރު، ގޮޅިތައް ލިބުނު ފަރާތްތަކާ ގޮޅި ހަވާލުކުރުމުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފައި ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން އިތުރަށް ބުނީ، އެ މާރުކޭޓުގައި މޭވާއާ ތަރުކާރީގެ އެކި ބާވަތްތައް ލިބެން ހުންނާނެ ކަމަށެވެ.

އެޗްޑީސީން ބުނީ ޖުމްލަ 19 ގޮޅި ހިމެނޭ މި މާރުކޭޓުން ސޮއިނުކުރެވިވާ ދެ ގޮޅި ވެސް ލިބުނު ފަރާތާއެކު ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށެވެ.

އެ ކުންފުނިން ބުނީ މާރުކޭޓުގެ ގޮޅިތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެގޮތުން 500 އަށްވުރެ ގިނަ ފޯމް އެޕްލިކޭޝަންގެ ގޮތުގައި ލިބުނު ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން އަންނަނީ މާރުކޭޓުގެ ގޮޅިތަކުގެ މަސައްކަތް ނިންމައި، ހަފްތާއެއްގެ ތެރޭގައި މާރުކޭޓް ހުޅުވުމަށް ތައްޔާރުވަމުންނެވެ.

ވަގުތީ މާރުކޭޓުން ގޮޅިތައް ދޫކޮށްފައިވަނީ ހަ މަސް ދުވަހުގެ މުއްދަތަކަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ކުލީގެ ގޮތުގައި ކޮންމެ މަހަކު 2،000 ރުފިޔާ ދައްކަން ޖެހޭނެ އެވެ. މީގެ އިތުރުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 1،500 ރުފިޔާ ވެސް ދައްކަން ޖެހޭނެ އެވެ. އެޗްޑީސީން އެ މާރުކޭޓް ހަދާފައި ވަނީ ހިޔާ ފްލެޓް ޓަވަރު 11 އަދި 12 ސަރަޙައްދުން ބެރެބެދިމާ ހިނގުން ދެ ނަންބަރު ގޯޅީގައި ހިމެނޭ ބްލޮކެއްގަ އެވެ. މިއީ ހިޔާ ފްލެޓްގެ މަސައްކަތްތަކަށް މީގެ ކުރިން ބޭނުންކުރި ސައިޓެކެވެ.

ގޮޅިތައް ލިބޭ މީހުން ކަނޑައަޅާފައިވަނީ މިކަމަށް އެދި ފޯމު ހުށައަޅާފައިވާ މީހުންގެ މެދުގައި ގުރުއަތު ނަގައިގެންނެވެ. މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިގޮތަށް ހުޅުވާ ފުރަތަމަ މާރުކޭޓެވެ.

ހިޔާ ޓަވަރުތަކުގައި 2،000 އަށްވުރެ ގިނަ މީހުން ދިރިއުޅެން ފަށާފައިވާއިރު، ގްރޭސް ޕީރިއަރް ހަމަވުމާއި ގުޅިގެން މިހާރު ވަނީ ކުލި ނަގަން ފަށާފަ އެވެ. ނަމަވެސް ރޯދަ މަހު ކުލި ނެގުން ފަސްކުރުމަށް އެދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ގޮވާލާފަ އެވެ.

މުއިއްޒު މިހެން ވިދާޅުވީ ރައްޔިތުންގެ އަތްމަތި އެންމެ ބޮޑަށް ދަތިވެ އެންމެ ބޮޑަށް ހަރަދު ވާނީ ރޯދަ މަހުގައި ކަން ފާހަގަކުރައްވާފަ އެވެ. އަދި ރޯދަމަހު ހިޔާ ފްލެޓްގެ ކުލި ނަގަން ފެށުމަކީ އެތައް ހާސް އާއިލާއަކަށް ނުހަނު ބޮޑު ތަކުލީފެއް ކުރިމަތިވެގެން ދާނެ ކަމެއް ކަމަށް މޭޔަރު ވިދާޅުވި އެވެ.