ސްޓްލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ދަތުރުވެރިންނަށް ލުއިފަސޭހަ ވާނެ ގޮތަށް އޭސީކޮށް އަދި ޒަމާނީ ހިދުމަތްތައް ލިބޭނެ ގޮތަށް ތައްޔާރުކުރި ގްރީން ލައިފް ބަސް ސްޓޮޕް ބޭނުންކުރަން ފަށައިފި އެވެ.

ސްޓެލްކޯ އިން ބުނިގޮތުގައި ގްރީން ލައިފް އިނިޝިއޭޓިވްގެ ދަށުން ތައްޔާރުކޮށްފައިވާ މި ބަސް ސްޓޮޕަކީ އޭސީ ކުރެވި، ބޯފެން ލިބޭނެ އިންތިޒާމްތަކާއެކު، އަތްވާއި، ވާރެއިން ދަތުރުވެރިން ހިޔާކޮށްދޭނެ ބަސް ސްޓޮޕެކެވެ. މީގެ އިތުރުން ބަސް ދަތުރުކުރާ ރޫޓް އެނގުމާއި، ބަސް ކައިރިކުރާ ވަގުތު ކައިރިވެއްޖެކަން ދަތުރުވެރިންނަށް އެނގޭނެ އިންތިޒާމާއި، ފޯނު ޗާޖުކުރުމަށް ޔޫއެސްބީ ޗާޖިން ޕޮޓާއި، ކަރަންޓު ނެގޭނެ ޕޮޓްތައް ވެސް ބަސް ސްޓޮޕްގައި ގާއިމްކޮށްފައިވެ އެވެ. ބަސްސްޓޮޕަށް ބޭނުންވާ 100 އިންސައްތަ ކަރަންޓު އުފައްދަނީ ބަސްސްޓޮޕްގެ މަތީގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުންނެވެ. މިއީ ރާއްޖޭގައި މިގޮތަށް 100 އިންސައްތަ އިޔާދަ ކުރަނިވި ހަކަތަޔަށް ބަރޯސާ ވާގޮތަށް ގާއިމް ކުރެވުނު އެންމެ ފުރަތަމަ ބަސްސްޓޮޕެވެ.

ސްޓެލްކޯއިން ހެދި އޭސީ ބަސް ސްޓޮޕް. މިތަނުގައި ބޯފެން ލިބުމާއި ފޯނު ޗާޖުކުރެވޭނެ ގޮތް ވެސް ހަދާފައި ހުރޭ. ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯ ފުރަގަހުގައި ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް ހެދި އެ ބަސް ސްޓޮޕް ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ބަސް ސްޓޮޕް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވަނީ މި ބަސްސްޓޮޕަކީ ބަހުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ސްޓެލްކޯއިން ޒަމާނީ ފެންވަރުގެ ފަސޭހަތަކާއެކު، ދޭ ވަރަށް ފުރިހަމަ، ވަރަށް އަގުހުރި ހަދިޔާއެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ސްޓެލްކޯއަކީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދޭން އަބަދުވެސް މަސައްކަތް ކުރާ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކުންފުންޏެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ރަނގަޅު ފެންވަރެއްގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭން. އެއް ފުރާޅެއްގެ ދަށުން ފެނާއި ނަރުދަމާގެ ހިދުމަތް މިއަދު ފޯރުކޮށްދެމުން މިގެންދަނީ މިދެންނެވި އަސާސްގެ މަތީގައި، ސްޓެލްކޯގެ އެންމެ ބޮޑު އެއް އަމާޒަކި އެއީ ކަމުގައި ދެކިގެން. މީގެ އިތުރުން، ގައުމީ ކޮންމެ މަސައްކަތަކީ ސްޓެލްކޯގެ ބަދަހި ސަފުތައް އެކަމަށްޓަކައި ރުކުވާލެވިފައިވާ މަސައްކަތްތަކެއް. އެކަން ސްޓެލްކޯގެ މުވައްޒަފުން މިގެންދަނީ ސާބިތުކޮށްދެމުން." މުޣުނީ ވިދާޅުވި އެވެ

އޭނާ ވިދާޅުވީ އެ ބަސް ސްޓޮޕް ވެގެންދާނީ ބަސް ދަތުރުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ސްޓެލްކޯއިން ދެވޭ އެހީތެރިކަމެއްގެ އިތުރުން، ބަސް ދަތުރުގެ ނިޒާމަށް ސްޓެލްކޯއިން ކޮށްދޭ ވަރަށް މުހިންމު ހިދުމަތަކަށް ކަމަށެވެ. އަދި އެ ބަސް ސްޓޮޕާއެކު، ބަސް ޓްރެކިން ނިޒާމެއް ގާއިމް ކުރެވިގެންދާނެ ކަމަށް ވެސް މުޣުނީ ވިދާޅުވި އެވެ.

ސްޓެލްކޯއިން ހެދި އޭސީ ބަސް ސްޓޮޕް. މިތަނުގައި ބޯފެން ލިބުމާއި ފޯނު ޗާޖުކުރެވޭނެ ގޮތް ވެސް ހަދާފައި ހުރޭ. ފޮޓޯ: ސްޓެލްކޯ

ބަސްސްޓޮޕް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސްގެ އިތުރުން، ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، ސްޓެލްކޯގެ ބޯޑު މެމްބަރުންނާއި، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން، މާލޭ ސިޓީ ކައުންސިލްގެ ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.