ބާޒާރުގައި ލުނބޯގެ އުފުލިފައި ވަނިކޮށް ވިއެޓްނާމުން ލުނބޯ ގެނެސްފި އެވެ.

ރާއްޖެ އަށް ލުނބޯ ގެންނަ ގައުމުން މިފަހަރު ރޯދަމަސް ފެށުނު އިރު ވެސް ލުނބޯ ގެނެވޭ ގޮތް ނުވުމުން ލުނބޯގެ އަގު ވަރަށް ބޮޑަށް އުފުލިފައިވެ އެވެ.

ވިއެޓްނާމުން ލުނބޯ ގެންނަން ކުރިން ހަމަޖެހިފައި އޮތީ މިދިޔަ މަހުގެ ބުދަ ދުވަހު އެވެ. ނަމަވެސް ލުނބޯ ގެނެވުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަމަކު، ހުކުރު އަދި ހޮނިހިރު ދެ ދުވަސް ބަންދު ދުވަހަކަށް ވުމުން އެތަކެތި ނެރެވޭ ގޮތް ނުވީ އެވެ.

ބާޒާރުގައި ފުޅާ ދާއިރާއާއެއްގައި ބިހާއި އަލުވި އަދި ބިސް ތަރުކާރީ އެތެރެކޮށް ވިއްކާ މުޑުވާލި ފިހާރައިން ބުނީ މިއަދު ވިއެޓްނާމް އިން ގެނައި ލުނބޯ މާރުކޭޓަށް ނެރުމުން ލުނބޯގެ އަގުތައް ވެއްޓޭނެ އެވެ.

"ލުނބޯ ގެނައުން ލަސްވުމުން އަގުތައް އުފުލުނީ. އެހެން އެއްވެސް އެއްޗެއްގެ އަގު މިހާ ބޮޑަށް އުފުލިގެނެއް ނުދޭ،" އެ ފިހާރައިން ބުންޏެވެ.

ބާޒާރުގައި އިއްޔެ ލުނބޯ ކިލޯއެއް 140ރ. އަށް ވުރެ މައްޗަށް ދިޔަ ނަަމަވެސް މިހާރު ކިލޯއެއްގެ އަގު 110ރ. އާއި 120ރ. އާ ދެމެދުގެ އަގުތަކަށް ވަނީ ތިރިވެފަ އެވެ.

ވިއެޓްނާމުގެ އިތުރުން އިންޑިއާ އާއި ލަންކާގެ އިތުރުން ބަންގްލަދޭޝް އިން ވެސް ދެ ތިން ވައްތަރެއްގެ ލުނބޯ ވެސް ގެނެސްފައިވެ އެވެ.