ހަނގުރާމައާ ހެދި ރަޝިއާއިން އަންނަ ޓޫރިސްޓުންގެ އަދަދު ގާތްގަނޑަކަށް 70 ޕަސެންޓް ދަށްވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

"ހުރިހާ"އާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ލިސްޓުގެ އެއްވަނައިގައި ރަޝިއާ އަދިވެސް އޮތީ އަހަރުގެ ކުރީކޮޅު އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު އިންތިހާއަށް އިތުރުވުމުން ކަމަށެވެ.

"އެކަމަކު މިހާރު މިވަނީ ގާތްގަނޑަކަށް ހަތްދިހަ ޕަސެންޓް ދަށަށް ގޮސްފައި. ޔޫކްރެއިނުން އެއްގޮތަކަށް ޓޫރިސްޓުންނެއް ނާދޭ. ކުރިން އަޅުގަނޑުމެން ލަފާކޮށްގެން އޮތީ މިމަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރިސޯޓެއްގެ އެނދު ފުލްވާނެ ކަމަށް،" ޑރ. މައުސޫމް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ފެބްރުއަރީ މަހު 24ގައި ރަޝިއާއިން ޔޫކްރޭނަށް ހަމާލާދޭން ފެށިއިރު، ދުވާލަކު 500 އާއި 1،200 އާ ދެމެދުގެ އަދަދަކަށް ރަޝިއާއިން ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ޔޫކްރޭނުން ވެސް 100 އާއި 400 އާ ދެމެދުގެ އަދަދަކަށް ޓޫރިސްޓުން އައިސްފައިވެ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މާޗް ރަޝިއާއިން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ 140 އަށް ތިރިވެފަ އެވެ. އެންމެ ގިނައިން މާޗް މަހު އައިސްފައި. ވަނީ މާޗް ފަސް ވަނަ ދުވަހު އެވެ. އެ ދުވަހު 1،058 ޓޫރިސްޓުން އައިއިރު މިދިޔަ މަހު ހަތް ވަނަ ދުވަހުން ފެށިގެން އެއިރޯފްލޮޓްގެ ދަތުރުތައް ހުއްޓާލުމުން ކުއްލިއަކަށް ނަމްބަރު ވަނީ 300 އަށް ވުރެ ދަށްވާން ފަށައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ރަޝިއާ ޓޫރިސްޓުން އައުން މަދުވުން އެންމެ ބޮޑު އަސަރެއް ކުރަނީ މެދު އަދި ދަށް ފަންތީގެ ޓޫރިސްޓުން ހޮޓާތަކަށް ކަމަށެވެ. އަދި ރަޝިއާ ޓޫރިސްޓުން އައުން މަދުވުމުން އިގްތިސާދަށް ވަމުން އަންނަ ގެއްލުމުގެ އަސަރު ފެންނަން ފަަށާނީ ދެތިން މަސް ފަހުން ކަމަށް ވެސް ޑރ. މައުސޫމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީ ރަޝިއާގެ ފްލައިޓްތައް ފަށާނެ ދުވަހެއްގެ އިންތިޒާރުގައި. އަޅުގަނޑުގެ އުއްމީދަކީ މި ހަނގުރާމަ ނިމި ޔޫރަޕުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުން،" މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. މައުސޫމް ވިދާޅުވީ ހަނގުރާމައާ ހެދި ތެލުގެ އަގުބޮޑުވުމުން މުޅި ދުނިޔޭގެ ދަތުރުފަތުރުގެ އަގުތައް ވެސް އުފުލިފައިވާ ކަަމަށެވެ. އަދި އެއާއެކު ޔޫރަޕްގެ ގިނަ ގައުމުތަކުން ދަތުރުފަތުރަށް ކުރާ ހަރަދު ބޮޑުވުމުން އަންނަ ޓޫރިސްޓުންގެ އަދަދު ވެސް ދަށްވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.