އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީ އަދި ވޯލްޑްބޭންކާ ގުޅިގެން ހިންގާ "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން، ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނޭދެވޭ އަސަރުކުރި ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޕްރޮޖްކެޓުގެ ދަށުން ވަޒީފާއަށް ބޭނުންވާ ތަމްރީން އަދި ކޯހާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ވިޔަފާރި ކުރުމަށް ބޭނުންވާ ހުނަރާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ ދަށުން މައިގަނޑު ތިން ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ

1. ކަނޑައެޅިފައިވާ ތިން ދާއިރާއަކުން ތަމްރީން ޕްރޮގްރާމްތައް ހިންގުން. މި ދާއިރާތަކަކީ:

ހ. އެކައުންޓިން ދާއިރާ

ށ. އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ

ނ. ޑައިވިން ދާއިރާ

2. އެޕްރެންޓިސްޝިޕް ޕްރޮގްރާމް

3. އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމް

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓުގެ ދަށުން ރާވާފައިވާ ޕްރޮގްރާމްތަކަށް އެދި ހުށަހެޅުމަށް މިމަހު ހުޅުވާލާނެ ކަމަށެވެ. އަދި، ވަކިވަކި ޕްރޮގްރާމްތަކަށް ފޯމު ހުށަހެޅުމަށް ކަނޑައަޅާ ސުންގަޑިތައް ޖޮބް ސެންޓަ ވެބްސައިޓުގައި ޝާއިއު ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި މި މި ޕްރޮގުރާމުތަކުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ އެ މިނިސްޓްރީގެ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ. އަދި މި ޕްރޮގްރާމްތަކުގެ ތަފްސީލް އަދި އެޕްލިކޭޝަން ހުށަހަޅާނެ ގޮތާއި މިނިސްޓްރީން އަމަލު ކުރާނެ އުސޫލުތައް ޖޮބް ސެންޓަރު ވެބްސައިޓުގައި ޝާއިއު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.