ދައުލަތުގެ ޚަރަދުތައް މިހާރަށްވުރެ ބޮޑަށް ކުޑަކުރަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ލަފާ ދެއްވައިފި އެވެ.

ރައްޔިތުން މަޖިލިހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ގަވަރުނަރު މިއަދު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ހިލޭ އެހީ ނުލައި، ހަމައެކަނި ސަރުކާރަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީން، ސަރުކާރުގެ ރިކަރަންޓު ޚަރަދުތައް ހަމަނުޖެއްސޭ ކަމަށެވެ. އަދި ރެވެނިއު ސްޓްރީމް ނުވަތަ ލިބޭ ޖުމްލަ އާމްދަނީއަށްވުރެ ރިކަރަންޓު ޚަރަދު ނުވަތަ ދުވަހުން ދުވަހަށް ހިންގުމަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ ރިކަރަންޓު ޚަރަދުތައް އެ މިންވަރަށް ބޮޑުވާނަމަ، އެއީ ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅު އަދި އެންމެ ނަތީޖާ ނެރެވެނިވި ގޮތުގައި ހިފުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި 2021 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ނިންމާފައިވަނީ ބޭރުގެ ލޯނު އެހީއާއި ދައުލަތުގެ އާމްދަނީން ކަމުގައިވާއިރު، އާމްދަނީން ރިކަރެންޓު ޚަރަދު ފޫބައްދަން އުދަގޫވާއިރު، އެކަމުގެ ސަބަބުން މަޝްރޫއުތައް ހިންގުމަށް ދަތިވެދާނެކަމަށް ފާހަގަކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ބަޖެޓް ކޮމިޓީން ގަވަރުނަރު އަލީ ހާޝިމްއާއެކު މިއަދު ބޭއްވި ބައްދަލުވުން. ފޮޓޯ: މަޖްލިސް

އަލީ ހާޝިމް ވިދާޅުވީ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ހިންގުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ފައިސާ ނުލިބި، އެކަމުގެ ސަބަބުން އެފަދަ މަޝްރޫޢުތައް ކުރިއަށް ނުގެންދެވިދާނެ ކަމުގެ ފުރުސަތު ވަރަށް ބޮޑަށް އެބަ އޮތް ކަމަށެވެ. އަދި މަޝްރޫއުތައް ފެށުމުގެ ކުރިން އެ މަޝްރޫއުތަކަށް ބޭނުންވާ ބޭރު ފައިސާ ޔަގީންކުރަން ޖެހޭނެ ކަމަށާއި، ކޮންމެ މަޝްރޫއެއްގައި ވެސް ބޭރު ފައިސާ ކޮމްޕޯނެންޓް ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުމުގައި އަލީ ހާޝިމް ވަނީ 2021 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހާފައި އޮތް ބަޖެޓާ ގުޅޭ ކަރުދާހެއް ހުށަހަޅައިފަ އެވެ. އެ ކަރުދާހުގައި ބަޖެޓް ވަނީ ތިން ބަޔަކަށް ބަހާލައިފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ، އާމްދަނީ، ޚަރަދު އަދި ފައިނޭންސިންއެވެ. މި ކަރުދާހުގައި އެމްއެމްއޭގެ ލަފާ ހުށަހަޅާފައި ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް ރާއްޖޭގެ ކަންކަން ކުރިއެރުވޭނެ ގޮތަކަށް ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. އަދި ޓޫރިޒަމް ދާއިރާ އަށް ރާއްޖޭގެ އާމްދަނީގެ ބޮޑު ބައެއް ބަރޯސާ ވާއިރު، މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމުން ލިބޭނެ ކަމަށް ލަފާ ކުރާ އާމްދަނީ ނުލިބުމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އެބައޮތް. ކޮންޒަވޭޓިވްކޮށް ރާވާފައި މިއޮތީ. އަޅުގަނޑުމެންނަށް އެނގޭ އެއީ މީޑިއަމް ޓާމް ސިނާރިއޯއެއް ކަން. ބެސްޓް ކޭސް ސިނާރިއޯއަކަށް ނުދާނެ ކަން. ނަމަވެސް މީޑިއަމް ކޭސް ސިނާރިއޯ އަށް ވެސް ނުދާނެ ކަމަށް އަޅުގަނޑުމެންނަށް ލަފާ ކުރެވޭ ގައުމުތަކުގެ ބޯޑަރު ބަންދު ކުރުމުގެ ތެރޭގައި،" އަލީ ހާޝިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ކޮވިޑް ވެކްސިން ވުޖޫދު ކުރެވިފައިވުމުން އެއީ ޕޮޒިޓިވް ކަމެއް ކަމަށެވެ. އަދި ރާއްޖެ އަށް ވެކްސިން ގެނެސްފި ނަމަ ދެވަނަ ކުއާޓާގައި އޭގެ އަސަރު ފެންނާނެ ކަމަށާއި ޓޫރިޒަމްގެ ސިނާއަތް އެ ހިސާބުން ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.