ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ދިމާކޮށް މޭވާ އާއި ތަރުކާރީގެ އަގުތައް އިންތިހާއަށް އުފުލިގެންދެ އެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް މާލޭގެ ބާޒާރުގައި ވަނީ ގިނަ ތަކެތީގެ އަގު ބޮޑުކޮށްފަ އެވެ. މި އަހަރު އެންމެ ބޮޑަށް އަގު އުފުލިފައި ވަނީ ލުނބޯ އާއި މިރުހުގެ އަގެ އެވެ.

ލުނބޯގެ އަގު އުފުލުމާ ގުޅިގެން ސަރުކާރު ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ލުނބޯ އެތެރެކޮށް 45 ރުފިޔާއަށް ކިލޯއެއް ވަނީ ވިއްކާފަ އެވެ.

އެސްޓީއޯއިން މިއަގުގައި ވިއްކި ނަމަވެސް ބާޒާރުގައި މިއަދުވެސް ލުނބޯ ކިލޯއެއް ލިބެން ހުރީ 100 ރުފިޔާ އާއި 130 ރުފިޔާ ދެމެދުގަ އެވެ. އެސްޓީއޯއިން ވިއްކަމުން ދިޔަ ލުނބޯ މިހާރު ވަނީ ހުސްވެފަ އެވެ.

މިރޯދަ މަސް ފެށިގެން އައިރު މިރުހުގެ އަގުވެސް ވަނީ އުފުލިގެން ގޮސްފަ އެވެ. މިހާރު ވެސް ކަނޑޫދޫ މިރުސް ކިލޯއެއް ލިބެން ހުރީ 750 ރުފިޔާ އާއި 850 ރުފިޔާ ދެމެދުގަ އެވެ.

މުލަ ރޯދަ ދުވަހު މާލޭގެ ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި މީހަކު މޭވާ ވިއްކަނީ . ފޮޓޯ | ހުރިހާ

ރޯދަ މަހު އެންމެ ގިނަ މީހުން ފަނި ގިރުމަށް ބޭނުންކުރާ ކަރާ ކިލޯއެއް މިއަދު ލޯކަލް މާރުކޭޓްގައި ލިބެން ހުރީ 25 ރުފިޔާ އަށެވެ. މީގެ އިތުރުން ދިވެހި ދޮން އަނބު ކިލޯއެއް ލިބެން ހުރީ 70 ރުފިޔާ އާއި 100 ދެމެދުގަ އެވެ. އަދި ޖުމްހޫރީ މޭވާ ކިލޯއެއް ލިބެން ހުރީ 80 ރުފިޔާ އާއި 120 ރުފިޔާ އާ ދެމެދުގަ އެވެ.

ލޯކަލް މާރުކޭޓްގައި ހުރި އެހެން ތަކެތީގެ އަގުތަކަށް ބަލާލާއިރު ކޮޕީފަތް ބޮނޑިއެއް ލިބެން ހުރީ 15 ރުފިޔާ އަށެވެ.

ފަތްޕިލާވެލީގެ އެހެން ބާވަތްތަކަށް ބަލާއިރު، ކުއްޅަފިލާފަތް ބޮނޑިއެއް މިއަދު ވެސް 15 ރުފިޔާއަށް ލިބެންހުރި އިރު، ކަންކުން ބޮނޑިއެއް ލިބެންހުރީ 5 ރުފިޔާ އަށެވެ. އަދި ލެޓިއުސް ކިލޯއެއް ލިބެނީ 65 ރުފިޔާ އާއި 100 ރުފިޔާ ދެމެދުގަ އެވެ.

މިއަދު ލޯކަލް މާރުކޭޓްގެ ތަރުކާރީ ބާއްވަތްތައް ވިއްކާ އަގުތަކަށް ބަލާލާއިރު ކެރެޓް ކިލޯއެއް 30 ރުފިޔާ އަށް ލިބެން ހުރިއިރު ކިއުކަމްބާ ކިލޯއެއް ލިބެން ހުރީ 40 ރުފިޔާ އަށެވެ. އަދި ބަށި ކިލޯއެއް 50 ރުފިޔާ އަށް ލިބެންހުރި އިރު، ބީންސް ކިލޯއެއް ލިބެން ހުރީ 65 ރުފިޔާ އަށެވެ. ބަޓާނާ ކިލޯއެއް 45 ރުފިޔާ އަށް ލިބެން ހުރި އިރު، ޓޮމާޓޯ ކިލޯއެއް ލިބެނީ 75 ރުފިޔާ އަށެވެ.

މާރުކޭޓްގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނީ އަގުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ތަކެތި ލިބުމުގައި ދަތިތަކެއް ހުރުމުން ބައެއް ބާއްވަތްތަކުގެ އަގު އުފުލިގެންދާނެ ކަމަށްވެސް ވިޔަފާރިވެރިން ބުނެ އެވެ.