ޓުވިޓާ ދައުރުވަމުންދާ އެ ވީޑިއޯއިން ފެންނަނީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭނެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ވޯޓާ ރަންވޭއަށް ޖައްސަން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފަޅުމަތިން ދަތުރުކުރަމުންދާ މަންޒަރެވެ. މީހަކު ނެގި މި ވީޑިއޯ ޓުވީޓްކުރަމުން އެއާ ޓްރެފިކް ކޮންޓްރޯލަރު ސައްދާމް (ފުރިހަމަ ނަމެއް ނޭނގެ) ބުނެފައި ވަނީ ޑްރޯން ޕައިލެޓުން މިހާރަށް ވުރެ ބޮޑަށް ހޭލުންތެރިވާން ޖެހޭ ކަމަށެވެ.

"ތިބާގެ ސޯޝަލް މީޑިއާ ފީޑްގައި މިއީ މާބޮޑު ކަމަކަށް ނުވެދާނެ. ނަމަވެސް ތިޔަދަނީ ވައިގެ ރައްކާތެރިކަމަށް ނުރައްކާކުރަމުން. އެއާ ޓްރެފިކް ކޮންޓްރޯލަކަށް ވެސް އަދި ޕައިލެޓަކަށް ވެސް ޑްރޯންގެ ޕޮޒިޝަން ނޭނގިދާނެ. އޭގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ކުރިމަތިވެދާނެ،" އޭނާ ބުނެފައިވެ އެވެ.

އިންސްޓަގްރާމް ގައި މީހަކު ޕޯސްޓްކުރި ޓްރާންސް މޯލްޑިވިއަން އެއާވޭސް އާއި މަންޓާ އެއާ ސީޕްލޭން ޓްވިން އޮޓާ މަރުކާގެ މަތިންދާ ބޯޓު ޖައްސަން ކައިރިވަމުން ދަނިކޮށް އެއާ ކްރާފްޓާ ވަރަށް ކައިރިން ނަގާފައިވާ ވީޑިއޯތަކެއް މިހާރު ވަނީ ޑިލީޓްކޮށްފަ އެވެ.

އެ މީހާ ޕޯސްޓްކުރި އެހެން ފޮޓޯއެއްގައި ސީޕްލޭނެއް ހުޅުމާލޭގެ މަތިން އުދުހިފައި ދަނިކޮށް، އޭގެ މަތިން ވެސް ފޮޓޯއެއް ނަގާފައިވެ އެވެ.

މިއީ ޕައިލެޓުންނަށް ޑްރޯން އޮންނަ ތަނެއް ނޭނގި، އެކްސިޑެންޓެއްގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ފަސޭހައިން ކުރިމަތިވެދާނެތީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.

މިފަދަ ތަނެއްގައި މިފަދަ ވީޑިއޯއެއް ރެކޯޑްކުރާނަމަ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް އެއާ ޓްރެފިކް ކޮންޓްރޯލް، އެއާލައިން އަދި ފްލައިޓް ކްރޫއާއި ގުޅިގެން ހުއްދަ ނަގަން ޖެހެ އެވެ.

ޓުވިޓާގައި އެ ވީޑިއޯއާ ބެހޭ ގޮތުން ބުނެފައި ވަނީ މަތިންދާބޯޓުތައް މީހުންނާއެކު ވަރަށް ތިރިން އުދުހޭ ކަމަށެވެ. އަދި ޑްރޯންއެއް މަތިންދާބޯޓަކާ ޖެހި އެކްސިޑެންޓްވުމުގެ ފުރުސަތު ބޮޑު ކަމަށާއި އެއީ ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ފަދަ މައްސަލައެއް ކަމަށް ބުނެފައިވެ އެވެ. އަދި ޑްރޯން އެރުވޭ ސަރަހައްދު ލިމިޓްކުރަން ޖެހޭ ކަމަށް ވެސް މިހާރު ދައުރުވަމުން އަންނަ ވީޑިއޯ ނަގާފައި ވަނީ ހުއްދަ ނެތި ކަމަށް ވެސް އެ މީހާ ބުނެފައިވެ އެވެ.

މާލެ ސަރަހައްދުގައި ޑްރޯން އުދުހުން ބައެއް ސަރަހައްދުތަކުގައި ހުއްދަކޮށްފައިވެ އެވެ. އަދި އެ ނޫން ސަރަހައްދުތަކުގައި ޑްރޯން އުދުހެވޭނީ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެންނެވެ. ނަމަވެސް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުއްދަ ނުނަގައި ޑްރޯން ގިނަ އަދަދަކަށް އުދުއްސަ އެވެ.