Advertisement

މަންޓާ އެއާ އާއި ޔުނިސެފްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައިފި

FacebookTwitterWhatsAppTelegramViber

މަންޓާ އެއާ އާއި ޔުނިސެފް ގުޅިގެން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބުރު އިއްޔެ އިފްތިހާހްކޮށްފި އެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، މަންޓާ އެއާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ބައިވެރިކޮށްފައިވާ ހަ ކުދިންނަށް ވަނީ ޕްރޮގްރާމަށް ހޮވުނު ކަމުގެ ސެޓްފިކެޓާއި ޔުނީފޯމް ހަވާލުކޮށްފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ތިން އަންހެން ކުދިންނާއި ތިން ފިރިހެން ކުދިންނެވެ.

ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަަށް ގެންދާ މި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަޖުރިބާ އާއި ތަމްރީން ދެވޭ ދާއިރާތަކުގެ ތެރޭގައި ފްލާއިޓާއި ގްރައުންޑް އޮޕަރޭޝަންސް، އެއާކްރާފްޓް އިންޖިނިއަރިން، ސޭފްޓީ އަދި ކޮމްޕްލަޔަންސް، ކޮމާޝަލް އަދި މާކެޓިން ހިމެނެ އެވެ. މި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް މަންޓާ އެއާގެ ފަންނީ މުވައްޒަފުންގެ ބެލުމުގެ ދަށުން ތަމްރީން ވެގެންދާއިރު އަމަލީ ގޮތުން މި ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ވެސް ލިބިގެންދެ އެވެ.

"މުޖުތަމައުއަށް، ހާއްސަކޮށް ޒުވާނުން ބިނާކުރުމުގައި، އެހީތެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" މަންޓާ އެއާގެ ސީއޯއޯ އެޑްވާޑް އެލްސްފޯޑް ވިދާޅުވި އެވެ.

ޔުނިސެފުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ. މުނިރު ވިދާޅުވި ގޮތުގައި، މަންޓާ އެއާގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ސަބަބުން ޒުވާން އުމުރުގެ ދިވެހިންނަށް އިތުރު ފުރުސަތުތައް ތަނަވަސްވެގެންދާނެ އެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަންޓާ އެއާ އާއި ޔުނިސެފްއާ ދެމެދު މިދިޔަ އޮގަސްޓް މަހު ވެފައިވާ އެމްއޯޔޫއެއްގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެ އެއްބަސްވުމުގެ ދަށުން، މަންޓާ އެއާގެ އިންފްލައިޓް މެގަޒިން ކަމަށްވާ "ރޭޒް" މެދުވެރިކޮށް ކުޑަކުދިންނާއި ޒުވާނުންގެ ހައްގުތަކަށް ހޭލުންތެރިކުރުމަށް ވެސް މަސައްކަތް ކުރާނެ އެވެ. އަދި ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހާއި ޒުވާނުންގެ ދުވަސް މި ދެ ފަރާތް ގުޅިގެން ފާހަގަކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

ފަސިންޖަރުންނާ ގާތް ގުޅުމެއް ބާއްވައި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދެމުން އަންނަ މަންޓާގެ ފްލީޓުގައި އެންމެ ފަހުގެ އޭޓީއާރު 600-72 މަރުކާގެ މުޅިން އާ ތިން ބޯޓު އޮންނައިރު، އެ އެއާލައިނުން މިވަގުތު ދަތުރުކުރަނީ ތިން މަންޒިލަކަށެވެ. އެއީ، ދ. ކުޑަހުވަދޫ، ބ. ދަރަވަންދޫ އަދި ގއ. ކޫއްޑޫ އަށެވެ.

މަންޓާ އެއާ އިން ވަނީ މިދިޔަ މަހު ސީޕްލޭންގެ ހިދުމަތް ވެސް ފަށާފަ އެވެ. އެގޮތުން، ހަ ސީޕްލޭން ގެނެސްފައިވާއިރު، އިތުރު ހަތަރު ސީޕްލޭން ގެނައުމުގެ މަސައްކަތް އެ އެއާލައިން އިން އަންނަނީ ކުރަމުންނެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top