ކައުންސިލްތަކަށް ޚާއްސަ ކޯލް ސެންޓަރެއް އިކޮނޮމިކް މިނިސްޓްރީން ގާއިމްކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިއީ އެ މިނިސްޓްރީން ދެމުން އަންނަ ޚިދުމަތްތަކާ ގުޅިގެން، ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކައުންސިލްތަކާއި މިނިސްޓްރީ އާ ފަސޭހައިން ގުޅޭނެ އިންތިޒާމް ހަމަޖެއްސުމަށް ގާއިމްކުރި ކޯލް ސެންޓަރެއް ކަމަށެވެ.

މި ކޯލްސެންޓަރު މެދުވެރިކޮށް މިނިސްޓްރީން ދެމުންގެންދާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޚިދުމަތްތަކާއި ބިދޭސީންނާ ގުޅިގެން ދެމުންގެންދާ ޚިދުމަތްތަކާއި ބެހޭ މަޢޫލޫމާތު ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. މިކަމަށް ހަތަރު ނަންބައެއް ވަނީ ކަނޑައަޅާފަ އެވެ. އެއީ 3335007، 3335770، 3335773 އަދި 3335776 އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޚާއްސަ ޚިދުމަތުގެ ދަށުން ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިންތިޚާބު ވެފައިވާ ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކަށް ހޮވިފައިވާ ކަނބަލުންގެ އިތުރުން ކައުންސިލްތަކުގެ ޒިންމާދާރު ވެރިންގެ މޮބައިލް ފޯނުން ގުޅުމުން ބޭނުންވާ މައުލޫމަތު ލިބޭނެ ކަމަށެވެ.

މި ނަންބަރުތަކަށް ގުޅުމުން، ކޯލަށް ވަގުތުން ޖަވާބު ނުދެވޭ ހާލަތެއްގައި، އެ ދުވަހަކު ގުޅާފައިހުރި ހުރިހާ ފަރާތްތަކަށް ދުވަސް ނިމުމުގެ ކުރިން ކޯލް ސެންޓަރުން އަނބުރާ ކޯލް ރިޓާންކޮށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.