ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން ދަށްކުރުމުން ސުކޫކާއި ބޮންޑް ވިއްކަން ދަތިވާނެ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލިހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބަޖެޓާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މަރުކަޒީ ބޭންކުގެ ގަވަރުނަރު ވިދާޅުވި ގޮތުގައި ކްރެޑިޓް ރޭޓިން ދަށްވެފައިވާ ވަގުތުގައި ސުކޫކު އާއި ބޮންޑު ވިއްކަން ދަތިވެފައިވާކަން އެމްއެމްއޭއަށް ފާހަގަކުރެވޭ ކަމަށެވެ.

"ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ އިގްތިސާދު މަޑުޖެހިފައި އޮތުމާއި، އަދި ދިވެހިރާއްޖެއަށް ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ދިވެހިރާއްޖޭގެ ރޭޓިން ދަށްކޮށްފައިވުމާ ގުޅިގެން ބޮންޑާއި ސުކޫކު ބޭރު ފަރާތްތަކަށް ވިއްކުމުގަ އާއި، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލޯނު ހޯދުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމުގައި ގަބޫލުކުރެއްވޭ،" އޭނާ ވިދާޅުވި އެވެ.

ގަވަރުނަރު އެހެން ވިދާޅުވި ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިދިޔަ ހަފުތާގައި ވިދާޅުވީ ފިޗް ފަދަ ރޭޓިން އެޖެންސީތަކުން ކްރެޑިޓު ރޭޓިން ދަށްކުރިޔަސް ސުކޫކާއި ބޮންޑު ދޫކުރަން ދަތިކަމެއް ނޯންނާނެ ކަމަށެވެ.

އަލީ ހާޝިމް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ޖުމްލަ ޚަރަދަށްވާ ފައިސާގެ ތެރެއިން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވޭ މިންވަރަކީ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކަމަށެވެ. އަދި. ބާކީ ހުރި ފައިސާ ހޯދުމަށް ނިންމާފައިވަނީ ބޭރުން ލޯނު ނަގައިގެން ނުވަތަ ބޭރަށް ބޮންޑާއި ސުކޫކު ވިއްކައިގެން ކަމަށް ވެސް ގަވަރުނަރު ފާހަގަކުރެއްވި އެވެ.

އަލީ ހާޝިމް ވިދާޅުވި ގޮތުގައި ސުކޫކާއި ބޮންޑު ވިއްކައިގެން އެކި ގޮތްތަކުން އަންނަ އަހަރު 15.5 ބިލިއަން ރުފިޔާ ހޯދުމަށް ބަޖެޓުގައި ހިމަނާފައިވާއިރު 2021 ވަނަ އަހަރުގެ ފަހަށް ހުރި އަހަރުތަކުގައި ވެސް ދަރަންޏާ ވާ ގޮތްތަކުން ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ވަނީ ހިމަނައިފަ އެވެ. އަދި ކައުންޓަ ސައިކްލިކަލް ސިޔާސަތުތަކެއް ހިންގުމަށް ބަޖެޓު ބައްޓަންކޮށްފައިވާއިރު، އެ ސިޔާސަތުތައް ތަންފީޒުކުރަނީ މުޅިން ދަރަނި ނަގައިގެން ކަމަށްވާތީ އެކަމުގެ ސަބަބުން އިތުރު ކަމެއް ޖެހޭ ޙާލަތުގައި ދަރަނި ހޯދުމަށް ދަތިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލީ ހާޝިމް އިތުރަށް ވިދާޅުވެފައިވަނީ 2021 ވަނަ އަހަރު ބަޖެޓުގެ ޑެފިސިޓު ފޫބައްދަން ނިންމާފައިވަނީ ބޭރު ފަރާތްތަކަށް ބޮންޑު ވިއްކައިގެންނާއި ލޯނު ނަގައިގެން ބޭރުގެ ޖަމްޢިއްޔާތަކާއި ދައުލަތްތަކުން ލިބޭނެ ކަމުގައި އަންދާޒާކުރާ ފައިސާއިން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދައުލަތުގެ ރިޒާވުތަކަށް ކުރާ ނޭދެވޭ އަސަރުކުޑަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓް ދަރަނި ފޫބައްދަން 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް ނިންމާފައިވާ ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ. އެ ސުކޫކް ވިއްކުމަށް ހަމަޖެހިފައި ވަނީ އިސްލާމިކް ކޯޕަރޭޝަން ފޮ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަ (އައިސީޑީ) އާ ގުޅިގެން ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ސުކޫކްގެ އިތުރުން އިނޮވެޓިވް ފައިނޭންސިންގެ ގޮތުގައި ގްރީން ބޮންޑެއް ނުވަތަ ބްލޫ ބޮންޑެއް ވިއްކުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި އެ ބޮންޑުން 100 މިލިއަން ޑޮލަރު ހޯދޭތޯ މަަސައްކަތްކުރެވޭނެ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.