އަންނަ އަހަރުގެ ބަޖެޓަކީ މިހާތަނަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓުތަކުގެ ތެރެއިން ތަންފީޒުކުރަން އެންމެ އުދަގޫ ބަޖެޓަށްވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ބަޖެޓު ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު މިއަދު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ މިހާތަނަށް ރާއްޖޭގެ ތާރީޚުގައި ހުށަހެޅުނު ބަޖެޓުތަކުގެ ތެރެއިން ތަންފީޒުކުރަން އެންމެ އުނދަގޫ ބަޖެޓަށްވާނެ ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓު ތަންފީޒުކުރުން އުދަގޫވާ ސަބަބެއް ކަމަށް ޑެޕިއުޓީ ގަވަރުނަރު އިމާދު ފާހަގަކުރެއްވީ ބަޖެޓުގެ ދެބައިކުޅަ އެއްބައާ ގާތްކުރާ މިންވަރަކަށް ފައިސާ ބޭރުން ދަރަނީގެ ގޮތުގައި ހޯދަން ޖެހިފައިވުމެވެ. އަދި މިފަދަ ބަޖެޓެއް ތަންފީޒުކުރުމުގައި މެދުވެރިވާނީ މައިގަނޑު ގޮތެއްގައި ދެ ހާލަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ޙާލަތަކީ ދައުލަތުން އުންމީދުކުރާ ނުވަތަ އަންދާޒާކުރާ މިންވަރުގެ ފައިސާ ބޭރުން ލޯނުގެ ގޮތުގައާއި، ބޮންޑާއި ސުކޫކު ވިއްކައިގެން ނުލިބުން. އެފަދަ ޙާލަތެއް މެދުވެރިވެ، ލިބޭނެ ކަމަށް އަންދާޒާކުރި މިންވަރަށް ފައިސާ ނުލިބިއްޖެ ޙާލަތެއްގައި ޖެހޭނީ ޚަރަދުތައް ކުޑަކުރަން. އެގޮތުން ޕީއެސްއައިޕީ މަޝްރޫއުތައް އެ ހާލަތުގައި ހުއްޓާލަން ޖެހޭނެ،" އިމާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެމްއޭއިން ފައިސާ ދީގެން މަޝްރޫއުތައް ހިންގުމަކީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އިމާދު ވިދާޅުވީ ސަރުކާރާއި ރައްޔިތުން މަޖިލިހުން ވެސް 2021 ވަނަ އަހަރުގެ ބަޖެޓަކީ ތަންފީޒުކުރަން އެންމެ އުދަގޫ ބަޖެޓް ކަމަށް މިހާރުން ފެށިގެން ވިސްނުމަކީ އަދި އެގޮތަށް ފިކުރު ބެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި އުންމީދުކުރައްވަނީ ބޭރުން ސުކޫކާއި ބޮންޑު އިޝޫކޮށްގެން ބޭރު ފައިސާ ލިބޭނެ ކަމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިމާދު ވިދާޅުވީ ޖީޑީޕީގެ ނިސްބަތުން ދަރަނި އިތުރުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބާޒާރުން ގެންނަ ދަރަނީގެ އަގު ނުވަތަ ކޮސްޓް ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ވެސް އިމާދު ވިދާޅުވި އެވެ.