ސަރުކާރުގެ އޮފީސްތަކުން އަންނަ އަހަރު އަލަށް ހިންގުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ފިނޭންސް މިނިސްޓްރީއަށް އެގުމަށް އެ މިނިސްޓްރީއިން އެދިއްޖެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކިރައްވައި ނެރެފައިވާ ސާކިއުލާގައި ބުނެފައި ވަނީ 2023 އިން 2025 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތްތައް އެ މިނިސްޓްރީން ފަށާފައިވާ ކަމަށެވެ. އެހެންކަމުން އެބަޖެޓް އެކުލަވާލުމުގެ ފުރަތަމަ މަރުހަލާގައި ދައުލަތުގެ އޮފީސްތަކުން އަލަށް ފެށުމަށް ރާވާފައިވާ މަޝްރޫއުތައް އެކުލަވާލައި، ހުށަހެޅުން ހިމެނޭ ކަމަށް ސާކިއުލާގައިވެ އެވެ.

2023 އިން 2025 އަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި ނޭޝަނަލް ރެޒިލިއެންސް އެންޑް ރިކަވަރީ ޕްލޭންގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ޕްރޮގްރާމް ބަޖެޓެކެވެ. އެހެންކަމުން ނިއު ޕޮލިސީ އިނިޝިއޭޓިވްސް އެކުލަވާލުމުގައި ދައުލަތުގެ އޮފީސްތަކުން ހުށަހަޅާ ކަންތައްތަކަކީ ސަރުކާރުން އެކުލަވާލާފައިވާ އެސްއޭޕީ އާއި އެންއާރްއާރްގައި ހިމެނޭ ކަންތައްތައް ހާސިލްވާނެގޮތަށް އެކުލަވާލާފައިވާ ކަންތައްތައްކަމުގައި ވާންވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން އަލަށް އެކުލަވާލާ މަޝްރޫއުގެ ސަބަބުން މިންތީގެ ހަމަހަމަކަމަށް ކުރާނެ އަސަރާއި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްތަކާ ހުރި ގުޅުން ބަޔާންކުރަންވާނެ ކަމަށްވެސް ސަރކިއުލާގައިވެ އެވެ.

ފިނޭންސް މިނިސްޓްރީއިން ސަރުކާރުގެ އޮފީސްތަކަށް އަންގާފައިވަނީ އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިން މަޝްރޫޢުތައް އެކުލަވާލާ އެ މިނިސްޓްރީއަށް ހުށައެޅުމަށެވެ.