މަސްވެރިން ބާނާ ހުރިހާ މަހެއް ގަންނަން ވަގުތީ ގޮތުން ހަރަކާތްތެރިވުމަށް ބޭރުގެ ބޯޓެއް ހޯދުމުގެ މަސައްކަތް މިފްކޯއިން ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، މަސް ނުކިރޭ މައްސަލައާ ގުޅިގެން އިއްޔެ ކުއްޑޫއަށް ކުރެއްވި ދަތުރުފުޅަށް ފަހު މިނިސްޓަރު ޕީއެސްއެމްއަށް ވިދާޅުވީ މި ރޯދަމަސް ފެށުނީއް ސުރެ ދެކުނުގެ މަސްވެރިކަން ވަނީ އާދަޔާ ހިލާފަށް ރަނގަޅުވެފައި ކަމަށެވެ. އަދި މިފްކޯގެ ފުލް ކެޕޭސިޓީގައި އެ ކުންފުނިން މަސްވެރިންގެ އަތުން މަސް ގަންނަމުން އަންނަ ކަމަށް ވެސް ޑރ. ހުސެއިން ވިދާޅުވި އެވެ.

އެގޮތުން މާންދޫއިން 120 ޓަނު، ކޫއްޑޫ އިން 240 ޓަނު، ޖަޒީރާ 102 އިން 120 ޓަނު، މަހާ ކަލަމިންޖާއަށް 75 ޓަނު، ހުޅުމީދޫއިން 60 ޓަނުގެ ފްރީޒިން ކެޕޭސިޓީގައި ޖުމްލަ 615 މެޓްރިކް ޓަނުގެ ޖާގަ ބޭނުންކޮށްގެން މަސް ގަނެވޭނެ އެންމެ ގިނަ އަދަދަށް އެތަން ތަނަށް މަސްގަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ދެކުނު ދޯނިތަކެއް ކޫއްޑޫ ކައިރީގައި މަސްކިރުވަން މިދިޔަ ހަފުތާގައި ކިޔޫ ހަދައިގެން. ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ވަނީ ރަނގަޅުވެފައި.

ޑރ. ހުސެއިން ވިދާޅުވީ، މަސްވެރިން ކިރަން ގެންނަ މަހުގެ މިންވަރު، 24 ގަޑިއިރު ތެރޭގައި މަސް ގަނެ ފިނިކުރެވޭނެ ކެޕޭސިޓީއަށް ވުރެ ބޮޑުތަނުން އިތުރު ވަމުންދާތީ އަދި ކޮންމެ ދޯންޏަކުން މަސްކިރާ ފަހަރަކު މަސްގަންނަ މިންވަރު ލިމިޓް ކުރަންޖެހިފައި ވާތީ، މަސްވެރިން މަސް ނުކިރި ކިޔޫގައި މަޑުކުރަން ޖެހިފައިވާކަމުގެ ޝަކުވާ މަސްވެރިން އުފުލާފައިވާ ކަމަށެވެ. އަދި މިކަން މިގޮތަށް އޮތްނަމަވެސް، މާންދުއާއި ކޫއްޑޫއާއި ހުޅުމީދޫއިން ދަނީ ކިޔު ތަރުތީބުން މަސްގަނެ، ދޯނިތައް ހުސްކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. ހުސެއިން ވިދާޅުވީ މަސްވެރިން ބާނައިގެން ގެންނަ ހުރިހާ މަހެއް އެއްބުރުން ނުގަނެވޭ މައްސަލަ ދާއިމީކޮށް ހައްލު ކުރެވޭނީ މަސް ފްރީޒުކުރާ ކެޕޭސިޓީ ދެކުނުގައި މިހާރު ހުރިވަރަށް ވުރެ އިތުރަށް ގާއިމުކޮށްގެން ކަމަށެވެ. އަދި ވަގުތީ ގޮތުން މިކަން ހައްލުކުރުމަށް މަސްގަނެ ފްރީޒް ކުރާ ބޮޑު އުޅަނދެއް ފެލިވަރުން ކޫއްޑޫއަށް މިހާރު ވެސް ގެނެސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މަސްގަނެ ފިނިކޮށް ރައްކާކުރެވޭ ޖާގަ އިތުރު ކުރުމަށް މަސްގަންނަ ބާޖެއް ވެސް މާންދޫގައި އަންނަނީ ބޭނުން ކުރަމުންނެވެ.