ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ހަދާނެ ފަރާތެއް ހޯދަން ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލަން ނިންމައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ވަނީ އެ ރަށުގައި ޓޫރިޒަމް ތަރައްގީކުރަން ކަނޑައަޅާފައިވާ 864،414 އަކަފޫޓުގެ ބިމާއި އަދި އެބިމާ ގުޅުވައިގެން ޓޫރިޒަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަޙައްދުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އުފަން ރަށުގައި ހަދާ ހޮޓާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން ބުނީ އެރަށުގައި ހޮޓާ ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 26 ވަނަ ދުވަހު 1:00 ގައި ވާޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، ޑިސެންބަރު 17 ވަނަ ދުވަހު 10:00 އަށް އެ މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެ ހޮޓާ ހެދުމަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި ނޮވެންބަރު 25ވަނަ ދުވަހުގެ 2:00 ގެ ކުރިން އީމެއިލް [email protected] އަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އީމެއިލް ކުރަން ޖެހޭނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ އިއުލާނާ ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. އަދި ބީލަން ފޮތް މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 1:00 އާ ދެމެދު އެ މިނިސްޓްރީން ލިބެން ހުންނާނެ ކަމަށެވެ.