މާލެ، މާޗު 2، 2022 – މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (އެމްއޯޕީއޭ) އާއި އެ އެލަޔަންސްގެ ބައިވެރިން ގުޅިގެން ރާއްޖޭގައި ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކޮށް، ޕްލާސްޓިކަށް ސާކިއުލާ އިކޮނޮމީއެއް އުފެއްދުމުގެ މަގުސަދުގައި ހިންގާ ދެ ޕްރޮޖެކްޓެއް މެދުވެރިކޮށް 49 ޓަނުގެ ޕެޓް ފުޅި އެއްކުރުމުގެ ކާމިޔާބީއާ އެކު 2021 ވަނަ އަހަރު ނިންމާލައިފި އެވެ.

10 ޑިސެމްބަރު 2020ގައި އިފްތިތާހުކުރި ރިވާސް ޕެޓް ލޮޖިސްޓިކްސް ޕްރޮޖެކްޓް ކުރިއަށް ގެންދަނީ، ހެޕީ މާކެޓް ޕްރައިވެޓް ލިމިޓެޑް ('ލައިފް' ބްރޭންޑުގެ މިނަރަލް ފެން އުފައްދާ ކުންފުނި)، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ލިމިޓެޑް (ކޮކާކޯލާގެ ބުއިންތައް ރާއްޖޭގައި ބަންދުކުރާ ފަރާތް) އަދި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ('ތާޒާ' ބްރޭންޑުގެ މިނަރަލް ފެން އުފައްދާ ކުންފުނި)އާ އެކު ވަރުގަދަ ޕާޓްނަޝިޕެއްގެ ދަށުންނެވެ. މި ޕާޓްނަޝިޕް ގާއިމްކޮށްފައި ވަނީ، އެ ކުންފުނިތަކުގެ އަމިއްލަ އިސްނެގުމުގައި، 100 އިންސައްތަ ރީސައިކަލް ކުރެވޭ ޕެޓް އަލުން ބޭނުންކުރުމުގެ މަގްސަދުގަ އެވެ.

މި މަޝްރޫއު ފެށިގެން ދިޔައީ، މާލެ ސަރަހައްދުގައި ރެސްޓޯރަންޓްތަކާއި ކެފޭ ފަދަ ތަންތަން ހިމެނޭ ގޮތަށް 120 އަށް ވުރެ ގިނަ ރީޓެއިލް އައުޓްލެޓްތަކުން އުކާލާ ޕެޓް ފުޅި – 100 އިންސައްތަ ރީސައިކަލް ކުރެވޭ އަދި ރާއްޖޭގެ އިގްތިސާދަށް އިތުރު ކުރިއެރުމެއް ގެނެސްދިނުމުގެ ގާބިލުކަން ހުރި މި ފުޅިތައް – ކޮންމެ ދުވަހަކު އެއްކުރުމުގެ ތެރެއިންނެވެ. މާލެ އާއި ހުޅުމާލޭގެ 263 އަށް ވުރެ ރެސްޓޯރެންޓް އަދި ކެފޭ ފަދަ ތަންތަން މި ހަރަކާތުގައި މިހާރު ބައިވެރިވެފައި ވާއިރު، އައިލެންޑް ޕެޓް ކަލެކްޝަން ޕްރޮޖެކްޓުގެ ނަމުގައި ފަށާފައިވާ ދެ ވަނަ މަޝްރޫއެއްގެ ދަށުން މި ހަރަކާތް ވަނީ އަތޮޅުތެރެއަށް ވެސް ފުޅާކޮށްފަ އެވެ. އައިލެންޑް ޕެޓް ކަލެކްޝަން ޕްރޮޖެކްޓް ތިން ރަށެއްގައި މިހާރު ވެސް ހިންގަ އެވެ.

ރިވާސް ޕެޓް ލޮޖިސްޓިކްސް ޕްރޮޖެކްޓްގެ ދަށުން 2021ގައި މޯޕާ އިން 33 ޓަނުގެ ޕެޓް އެއްކުރިއިރު، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ލިމިޓެޑް އިން ވަނީ އިތުރު 30 ޓަނު އެއްކޮށްފަ އެވެ. އައިލެންޑް ޕެޓް ކަލެކްޝަން ޕްރޮޖެކްޓުގެ ދަށުން، މޯޕާ އާއި މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ލިމިޓެޑް އިން ވަނީ ކޮންމެ ފަރާތަކުން 16 ޓަނުގެ ޕެޓް މިދިޔަ އަހަރު އެއްކޮށްފަ އެވެ.

"ޕްލާސްޓިކް ރީސައިކަލް ކުރުމުގެ މަޝްރޫއުތައް އިފްތިތާހު ކުރެވުނުތާ އަހަރެއް ފާހަގަކުރަމުން ދާއިރު، އަޅުގަނޑުމެންގެ ހުރިހާ ޕާޓްނަރުން ގުޅިގެން ހަރުދަނާ ވިސްނުމެއް ގެންގުޅެ، މަސައްކަތް ކުރާ ތަން ފެނުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަހަރެއްގެ ތެރޭގައި 100 ޓަނާ ގާތްކުރާ އަދަދަކަށް ޕެޓް ނެގުމަކީ، ހާއްސަކޮށް ރާއްޖެ ފަދަ ގުދުރަތީ ގޮތުން ވަކިވަކި ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ގައުމެއްގައި، ކުޑަ ކާމިޔާބެއް ނޫން. އަޅުގަނޑުމެންގެ ހުރިހާ ޕާޓްނަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ވަރަށް އިޚްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން،" މޯޕާގެ ފައުންޑާ އަދި ރައީސް ތޯރިގު އިބްރާހިމް ވިދާޅުވި އެވެ.

"ކުނި މެނޭޖްކުރުމުގައި އަޅުގަނޑުމެންނަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް އޮތް ހަމައެކަނި މަގަކީ އެންމެން ގުޅިގެން މަސައްކަތްކުރުން ކަމާ މެދު އެއްވެސް ޝައްކެއް ނެތް. ރާއްޖޭގައި އޮތް ހަމައެކަނި ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާ އެލަޔަންސްގެ ހައިސިއްޔަތުން، ރާއްޖޭގައި ހުރި ވަސީލަތްތަކުގެ ބޭނުން ހިފައި، އެކި ފަރާތްތަކާ އެކު ޕާޓްނާޝިޕްތައް ހަދައި، ކަމާ ގުޅުންހުރި ފަރާތްތައް ބައިވެރިކޮށް އަދި މުޖުތަމައު ބާރުވެރިކޮށްގެން ރާއްޖޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ރައްކާތެރިކަމާ އެކު އަލުން ބޭނުންކުރުމަށް އަޅުގަނޑުމެން ކުރަމުން އަންނަ މަސައްކަތް ކުރިއަށްގެންދަން މި ތިބީ ތައްޔާރަށް."

މި މަޝްރޫއުގެ ދަށުން އެއްކުރާ ޕެޓް ފުޅިތައް – މުޅި ދުނިޔޭގައި ވެސް އެންމެ ފުޅާ ދާއިރާއެއްގައި ރީސައިކަލްކުރެވޭ ޕްލާސްޓިކްގެ ބާވަތް – ޕާލޭ މޯލްޑިވްސްއާ ހަވާލުކޮށްގެން ރީސައިކަލްކޮށް، ބްރޭންޑުތަކުގެ ބޫޓާއި ފަތަން ދާއިރު ލާ ހެދުން އަދި އެހެނިހެން ހެދުން ފަދަ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަފާތު ތަކެއްޗަށް ބަދަލުކުރެ އެވެ. ކަމާ ގުޅުންހުރި އެކި ފަރާތްތަކުން އެކައްޗެއް ކިޔައިގެން ހިންގޭ މި ހަރަކާތަކީ، ޕްލާސްޓިކްއާ ގުޅޭ ގޮތުން ވަށާޖެހޭ އިގްތިސާދީ ވިސްނުމެއް އާލާކޮށް، ރައްޔިތުންގެ ދިރިއުޅުމާއި މުޖުތަމައު އަދި ދުނިޔެއަށް ބަދަލުތަކެއް ގެނެސްދިނުމަށް ގިނަ ކުންފުނިތަކާއި ރީޓެއިލަރުން އެއް ތަންވެ، އެއް ވިސްނުމެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ތަނަވަސްކޮށްދޭ މަޝްރޫއެކެވެ.

"ޕްލާސްޓިކް ކުނީގެ މައްސަލަ ހަރުދަނާ ގޮތެއްގައި ހައްލުކުރުމަށް ވަށާޖެހޭ އިގްތިސާދީ ވިސްނުމެއް އާލާކުރުމަކީ ވަރަށް މުހިންމު ކަމެއް. ރާއްޖޭގައި ކޮކާކޯލާގެ ބޮޓްލިން ޕާޓްނަރުގެ ހައިސިއްޔަތުން، އަޅުގަނޑުމެން އުފައްދާ ފުޅި ވެށީގެ ތެރެއަށް ދޫކޮށްލެވިގެން ދިއުމުގެ ބަދަލުގައި އިގްތިސޯދުގެ ތެރޭގައި އެ ތަކެތި ދައުރުކުރުމުގެ އިތުރަށް، އާ ވައްތަރުތަކުގެ ޕެކޭޖިން އީޖާދުކުރުމުގެ ޒިންމާއާ މެދު އަޅުގަނޑުމެން ސީރިއަސްވަން،" މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ސަންޖޭ މަނިކު ވިދާޅުވި އެވެ.

""މޯޕާ އިން ވަނީ އަޅުގަނޑުމެން ގެންގުޅޭ ކުނިން ސަލާމަތްވެފައިވާ ދުނިޔެއެއްގެ އަމާޒަށް ފެތޭ، އެކަށީގެންވާ މެކޭނިޒަމެއް ގާއިމްކޮށްފައި. އަޅުގަނޑުމެން އުފައްދާ ފުޅި ވެށީގެ ތެރެއަށް ދޫކޮށްލެވިގެން ދިއުން ނިމުމަކަށް ގެނެސް، ރާއްޖޭގައި އިތުރުވަމުން އަންނަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކުނި އަލުން ބޭނުންކުރުން ހުއްޓުވުމަށް މޯޕާއާ އެކު މަސައްކަތްކުރުމުގައި ދެމިތިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް."

މޯޕާ އިން ދާދި ފަހުން ވަނީ ޕްލާސްޓިކް ކުނި ނައްތާލުމަށް ފިޔަވަޅު އެޅުން އަވަސް ކުރުމަށް ތިން ވަނަ އިނީޝިއޭޓިވްއެއް އިއުލާނުކޮށްފަ އެވެ. 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ތައާރަފްކުރި ރިސޯޓް ޕެޓް ކަލެކްޝަން ޕްރޮޖެކްޓްގެ މަގްސަދަކީ ރާއްޖޭގައި ހިންގާ 150އަށް ވުރެ ގިނަ ރިސޯޓުން ހުސްކުރާ ޕެޓް ފުޅިތައް އެއްކޮށް، ރީސައިކަލްކޮށް، އާ ޕްލާސްޓިކަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ހުސް ފުޅިތައް ކަނޑުތަކަށް ނޭޅޭނެކަން ކަށަވަރުކުރުމުގެ ގޮތުން ހިންގާ އިނީޝިއޭޓިވްތައް އިތުރަށް ފުޅާކުރުމެވެ.

ޕްލާސްޓިކް ކުނީގެ އުނދަގޫ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ވަށާޖެހޭ ވިސްނުމެއް ގެންގުޅެ، ހަރުދަނާ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. މި މަގްސަދު ހާސިލްކުރުމަށްޓަކައި ވަކި ހާއްސަ ހަރަކާތްތަކެއް ހިންގަން ޖެހެ އެވެ. މި ސްޓްރެޓެޖީއާ އެއްގޮތަށް، ޕްލާސްޓިކް ރިވާސް ލޮޖިސްޓިކްސް ޕްރޮޖެކްޓާއި އައިލެންޑް ޕެޓް ކަލެކްޝަން ޕްރޮޖެކްޓް އަދި މިފަހުން ތައާރަފުކުރި ރިސޯޓް ޕެޓް ކަލެކްޝަން ޕްރޮޖެކްޓްގެ ސަބަބުން މި އަހަރު 100 ޓަނު އަދި އަންނަ އަހަރު 150 ޓަނުގެ ޕެޓް ރާއްޖެ އިން އެއްކުރުމުގެ ލަނޑުދަނޑިއަށް މަސައްކަތްކޮށް، ޕްލާސްޓިކް ކުނި ޒިންމާދާރު ގޮތެއްގައި މެނޭޖްކުރުމުގެ ވިސްނުމާއި އަހްލާގީ ބަދަލުތައް އަށަގެންނެވުމަށް އެހީތެރިވެދޭނެ އެވެ.