ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ "ބީއެމްއެލް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ވ. ލ ފެލިދޫ އަދި ނ. ހެނބަދޫގައި ކުރިޔަށްދިޔަ ދެ ޕްރޮޖެކްޓް ކާމިޔާބު ކަމާއެކީ ނިންމާލައިފި އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ހިންގާ ޕްރޮޖެކްޓް ދަށުން ފެލިދޫ ޒުވާން އެކުވެރިންގެ ދިރުން ޖަމިއްޔާއިން ވަނީ ފެލިދޫގައި ކޮމިއުނިޓީ ޕިކްނިކް ސަރަހައްދެއް ތަރައްގީކޮށްފަ އެވެ. އަދި މި ސަރަހައްދު ތަރައްގީކޮށްފައިވަނީ ރަށުގެ ރައްޔިތުންގެ އިތުރުން ރަށަށް ޒިޔާރަތް ކުރާ ޓުއަރިސްޓުންނާއި ކައިރި ރަށްރަށުން މި ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވެސް ބޭނުން ކުރެވޭ ގޮތަށް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

މި ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވާނެހެން މި ސަރަހައްދުގައި ވަނީ ޖޯލި، އުނދޯލި، ބާބަކިއު ސްޓޭންޑް އަދި އައުޓްޑޯ ޝަވަރެއް ބަހައްޓާފައިވެ އެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން ޕްރޮޖެކްޓް ކާމިޔާބު ކުރި ހާމިދު ރަޝީދު ވަނީ ނ. ހެނބަދޫގައި ވެސް ބާބަކިއު ސަރަހައްދެއް ގާއިމްކޮށްފަ އެވެ. މި ސަރަހައްދު ގައި ބާބަކިއު ސްޓޭންޑް، ޖޯލި ފަތި، ހޮޅުއަށި ބަހައްޓައި ކުޑަ ލައިބްރަރީ އަކާއި މަސްކެނޑުމަށް ބޭނުންކުރާނެ އަށްޓެއް ހަދައި ތަކެތި ރައްކާކުރުމަށް ސްޓޯރެއްވެސް ގާއިމްކޮށްފަ އެވެ.

މި ސަރަހައްދު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފަ އެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައިވެ އެވެ.