ރ. އަލިފުށީ ބިން ހިއްކައި އެއާޕޯޓް ތަރައްގީ ކުރާ މަޝްރޫގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް ތައްޔާރު ކޮށްފި އެވެ.

އަލިފުށީ އެއާޕޯޓް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، އެރަށުގައި އެއާޕޯޓް އެޅުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރީ މި މަހުގެ 9 ވަނަ ދުވަހު ކަމަށެވެ.

މި މަޝްރޫއުގެ މަސައްކަތަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. އަދި މިއީ 451.6 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްއޫރުއެކެވެ.

މި މަޝްރޫއުގެ ދަށުން އަލިފުށިން 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރެއިން 40.5 ހެކްޓަރުގެ ބިން ހާއްސަކޮށްފައިވަނީ އެއަރޕޯޓު ހެދުމަށެވެ. ހަމައެހެންމެ އަނެއް 10 ހެކްޓަރުގެ ބިން ހިއްކަނީ ރަށުގެ ތަރައްޤީއަށާއި ގެދޮރުވެރިކަމަށް ބޭނުންކުރުމަށް ކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

1200 މީޓަރުގެ ދިގު ރަންވޭއަކާއެކު މި އެއޯޕޯޓު ހަދާއިރު، ހިއްކާ ބިން ޙިމާޔަތްކުރުމަށް 2871 މީޓަރުގެ ރިވެޓްމަންޓަކާއި 480 މީޓަރުގެ ފައިކަށި ޖެހުމަށްވެސް ހަމަޖެހިފައިވެ އެވެ.