ރާއްޖެއަށް މިއަދު 2،000 އަށް ވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ އެވެ.

މިއީ ޖުލައި 15ގައި ބޯޑަރު ހުޅުވި ފަހުން އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތްކުރި ދުވަހެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓުވީޓެއްގައި ވަނީ މިއީ ވަރަށް ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރައްވައި ރާއްޖޭގެ ޓްރެވަލް އަދި ޓޫރިޒަމް އިންޑަސްޓްރީއަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެފަ އެވެ. އަދި މިއީ ބޯޑަރު އަލުން ހުޅުވި ފަހުން އެއް ދުވަހާ އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ރާއްޖެ އައި ދުވަސްކަން ފާހަގަކުރައްވައި ޓޫރިސްޓުންނަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.

މިނިސްޓަރު ވަނީ ވީހާ ވެސް ގިނަ ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރުމަށް ގޮވާލައްވައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 1ން ފެށިގެން އިއްޔެގެ ނިޔަލަށް 10،000 އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ތެރޭގައި އެވްރެޖްކޮށް ދުވާލަކު 997 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ. މިދިޔަ މަހު އެވްރެޖްކޮށް ދުވާލަކު އައިސްފައި ވަނީ 694 ޓޫރިސްޓުންނެވެ.

އެ މިނިސްޓްރީން ބުނީ ޖުލައި 15ން ފެށިގެން އިއްޔެގެ ނިޔަލަށް 51،354 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން އައިސްފައި ވަނީ ރަޝިއާގެ ޓޫރިސްޓުންނެވެ. އެ ގައުމުން އެކަނި 11،240 ޓޫރިސްޓުން އައިސްފައިވެ އެވެ.