ބީއެމްއެލްގެ ކްރެޑިޓް ކާޑުން ކުރާ ކޮންމެ ވިޔަފާރިއަކަށްވެސް ޕޮއިންޓް ލިބޭ ގޮތަށް ބޭންކުން ތައާރަފްކުރި ރިވާޑްސް ޕްރޮގްރާމަށް އަލަށް ރަޖިސްޓްރީކުރާ ކޮންމެ ކަސްޓަމަރަކަށް 10،000 ޕޮއިންޓް ލިބުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ލިބިގެންދާނެ އެވެ.

"ބީއެމްއެލް ރިވާޑްސް" ޕްރޮގްރާމްގެ ދަށުން ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ލިބޭ ޕޮއިންޓް ބޭނުންކޮށްގެން އެއާލައިނުން ޓިކެޓު ނެގުމާއި ހޮޓެލް ބުކް ކުރުމާއި ކާރު ކުއްޔަށް ނެގުމާއި މަޝްހޫރު ބްރޭންޑްތަކުގެ ގިފްޓް ކާޑު ވެސް ގަނެވޭނެ އެވެ.

މި ގޮތުން އެމޭޒަން، އެޕްސްޓޯ، އައިޓިއުންސް، ގޫގުލް ޕްލޭ، ޕްލޭސްޓޭޝަން ފަދަ މަގުބޫލު ބްރޭންޑްތަކުގެ ގިފްޓް ކާޑު ގަތުމުގެ ފުރުސަތު ވެސް ލިބެ އެވެ.

"ބީއެމްއެލްގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ރިވާޑްސް ޕްރޮގްރާމާ ގުޅޭ މައުލޫމާތު އަޅުގަނޑުމެން މިދަނީ އީމެއިލް މެދުވެރިކޮށް ފޮނުވަމުން. ބީއެމްއެލް އިން ދޫކޮށްފައިވާ ކޮންމެ ކްރެޑިޓް ކާޑެއް ބޭނުންކުރައްވާ ކަސްޓަމަރަކަށް ވެސް މި ޕްރޮގްރާމުގައި ވަރަށް ފަސޭހައިން ރަޖިސްޓްރީ ކުރެއްވޭނެ،" ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސައީދު ވިދާޅުވި އެވެ.

މި ލިންކް މެދުވެރިކޮށް ކޮންމެ ކްރެޑިޓް ކާޑު ކަސްޓަމަރަކަށްވެސް ރަޖިސްޓްރީ ކޮށްލެވޭނެ އެވެ.

ބީއެމްއެލް ރިވާޑްސްއަކީ ދުނިޔޭގެ 55 ގައުމެއްގައި ލޯޔަލްޓީ ޕްރޮގްރާމް ހިންގާ "ގިފްޓް" އާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މިއީ ރާއްޖޭގައި ތައާރަފުކުރި މިފަދަ ފުރަތަމަ ޕްރޮގްރާމެވެ. ބީއެމްއެލް ރިވާޑްސް އާ ގުޅޭ މައުލޫމާތު ބޭންކުގެ ވެބްސައިޓް އިން ލިބޭނެ އެވެ.