މާލޭގެ ބާޒާރުގައި ވިއްކާ ލުނބޯގެ އަގު 70ރ. އަށް ވެއްޓިއްޖެ އެެވެ.

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ދިމާކޮށް މޭވާ އާއި ތަރުކާރީގެ އަގުތައް އިންތިހާއަށް އުފުލިގެންދާއިރު، މި އަހަރު އެންމެ ބޮޑަށް އަގު އުފުލިފައި ވަނީ ލުނބޯ އާއި މިރުހުގެ އަގެ އެވެ.

އެގޮތުން އޭރު ލުނބޯ ކިލޯއެއްގެ އަގު ހުރީ 120 ރުފިޔާ އާއި 140 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ. ނަމަވެސް މިއަދު ބާޒާރުގައި ލުނބޯ ވިއްކާ އަގުތައް ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން ދަތުރުވެރިންގެ މާރުކޭޓުގައި މިއަދު ލުނބޯ ކިލޯގެ އަގަނީ 70 ރުފިޔާ އާއި 80 ރުފިޔާ އާއި ދެމެދުގެ އަގެއްގަ އެވެ.

ވިޔަފާރިވެރިން ބުނާގޮތުގައި މިހާރު ބާޒާރުގައި ލުނބޯ ވަރަށް ތިޔާގި އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ލުނބޯގެ އަގު އިތުރަށް ދަށަށް ދާނެކަމަށް ވެސް ވިޔަފާރިވެރިން ބުނެ އެވެ.

ބާޒާރުގައި ލުނބޯގެ އަގު އަރައިގެން ދިއުމާ ގުޅިގެން މީގެ ކުރިން ސަރުކާރު ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ލުނބޯ އެތެރެކޮށް 45 ރުފިޔާއަށް ކިލޯއެއް ވިއްކާފައިވެ އެވެ.

މާރުކޭޓްގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނާގޮތުގައި އަގުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ތަކެތި ލިބުމުގައި ހުންނަ ދަތިތަކާއި ގުޅިގެން ބައެއް ބާއްވަތްތަކުގެ ތަކެތީގެ އަގު އުފުލިގެންދާނެ ކަމަށް ވެސް ވިޔަފާރިވެރިން ބުނެ އެވެ.