ކޫއްޑޫގައި ދުވާލަކު މަސް ކިރާ މިންވަރު ލިމިޓްކޮށްފައި ވާތީ މަސްވެރިން އެ ރަށުގައި މިއަދު މުޒާހަރާ ފަށައިފި އެވެ.

މަސްވެރިން ކޫއްޑޫގައި މުޒާހަރާކުރަމުން އަންނަނީ ކޮންމެ މަސް ދޯންޏަކުން ދުވާލަކު ފަސް ޓަނު މަސް ކިރޭ ގޮތަށް ބަދަލުކުރުމުންނެވެ. މި މުޒާހަރާގައި ދެކުނުގެ ގިނަ އަދަދެއްގެ މަސްވެރިން ވަނީ ބައިވެރިވެފަ އެވެ.

މަސްވެރިން އަންނަނީ ކޫއްޑޫއިން މަސް ކިރުމަށް ވަކި ލިމިޓްކޮށްފައިވާތީ އެކަމަށް ހިތް ހަމަނުޖެހުން ފާޅުކުރަމުންނެވެ.

މަސްވެރިންގެ ޑިމާންޑު ކުރަމުން އަންނަނީ އެ މީހުން ބާނާފައިހުރި ހުރިހާ މަހެއް ކިރުމަށެވެ. އަދި އެގޮތަށް މަސް ނުކިރާނަމަ ކޫއްޑޫއަށް މަސް ނުކިރާނެ ކަމަށް ވެސް މަސްވެރިން ދަނީ ބުނަމުންނެވެ.

މަސްވެރިން ބާނާ މަސް މިފްކޯ އިން ނުގަންނާތީ ދެކުނުގެ މަސްވެރިން ގއ. ކޫއްޑޫގައި މިއަދު މުޒާހަރާކުރަނީ. މި މުޒާހަރާގައި ގިނަ އަދަދެއްގެ މަސްވެރިން ބައިވެރިވެ، ކޫއްޑޫގެ އޮޕަރޭޝަން ހުއްޓުވާލި. ފޮޓޯ: ދިވެހި މަސްވެރިން ޕޭޖް

މަސްވެރިން ހަޅުތާލުކުރަން ފަށާފައިވާއިރު މިދިޔަ ހަފްތާގައި ފިސަރީޒް މިނިސްޓަރު ހުސައިން ރަޝީދު ވަނީ މަސްވެރިންގެ ޝައުވާ އަޑުއެހުމަށް ކޫއްޑޫއަށް ޒިޔާރަތް ކޮށްފަ އެވެ.

މަސްވެރިންގެ އަތުން މަސް ކިރާ އަދަދު ސަރުކާރުން ހިއްސާވާ ކުންފުނިން ލިމިޓްކޮށްފައިވާއިރު އެމްޑީޕީގެ މެނިފެސްޓޯގައިވާ ގޮތަށް މަސްވެރިންގެ ހައްގުތައް ހޯދައިދިނުމަށް ސަރުކާރަށް ރައީސް ނަޝީދު ވަނީ ގޮވާލާފަ އެވެ.

މި ވަގުތު ކޫއްޑޫގެ މަސް ރައްކާކުރުމުގެ ކެޕޭސިޓީއަކީ 2،000 ޓަނެވެ. ކޫއްޑޫއަކީ މިފްކޯގެ ބެލުމުގެ ދަށުން އުޕަރޭޓް ކުރާ މަރުކަޒެކެވެ.