ގއ. ކޫއްޑޫ ފަޅުގައި މަސްކިރަން ގޮސް އޮތް ހުރިހާ ދޯންޏެއްގެ ހުރިހާ މަހެއް ކިރާ ގޮތަށް ސަރުކާރުން މިރޭ ނިންމައިފި އެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ދެކުނުގެ މަސްވެރިކަން ރަނގަޅު މި ދުވަސްވަރު މަސް ނުކިރިގެން މަސްވެރިންގެ ހުރި ޝަކުވާތައް އަޑުއެހުމަށްފަހު، ސަރުކާރާއި މިފްކޯގެ މަޝްވަރާގެމަތިން މަސްވެރިންގެ ދަތިތަކަށް ޙައްލު ހޯދުމަށްފަހު އަލުން މަސްކިރަން ފަށާފައިވާ ކަމަށެވެ.

"މި ވަގުތު ކޫއްޑޫ ފަޅުގައި އޮތް ހުރިހާ މަސް ދޯންޏެއްގެ ހުރިހާ މަހެއް ކިރޭނެ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ،" ރައީސް އޮފީހުން ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވެ އެވެ.

މިގޮތުން މަސްވެރިންނަށް އެއްބަސްވެވޭ ފަދަ ގޮތަކަށް ސަރުކާރުން އިމްޕްލިމެންޓޭޝަން ޕްލޭން އެއް ހަދާފައިވާ ކަމަށް ބުންޏެވެ. އަދި މަސްވެރިންނަށް ކިއު އޯޑަރެއް ހަމަޖައްސައި އެ އޯޑަރާ އެއްގޮތައް މަސްކިރޭނެ އިންތިޒާމްތައް ކޫއްޑޫގައި ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައި ކަމަށެވެ.

މި ޕްލޭންގެ ދަށުން މަސްކިރޭނެ ތަރުތީބާއި ދުވަސް އެ މަސްވެރިންނަށް ވަނީ އަންގާފަ އެވެ. މިވަގުތު ކޫއްޑޫ ފަޅުގައި އޮތް ހުރިހާ މަސް ދޯންޏެއްގެ ހުރިހާ މަސްކިރޭނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

ދެކުނުގެ މަސްވެރިން މިދުވަސްވަރު އާދަޔާ ހިލާފަށް ރަނގަޅުވެ، މިފްކޯގެ ކެޕޭސިޓީ އަށް ވުރެ އިތުރަށް މަސް ގަންނަން ލިބުމާ ގުޅިގެން މިފްކޯ އަށް މަސް ގަންނަ އަދަދު ވަނީ މިދިޔަ ހަފުތާއިން ފެށިގެން ދޯންޏަކުން ފަސް ޓަނަށް ކޮންޓްރޯލް ކޮށްފަ އެވެ. އެކަމާ ގުޅިގެން މަސްވެރިންގެ ޝަކުވާ ވަރަށް ބޮޑުވެ ކޫއްޑޫގައި ދަނީ މުޒާހަރާ ކުރަމުންނެވެ.

އެހެންވެ ސަރުކާރާއި މިފްކޯ ގުޅިގެން އެ މައްސަލަ ހައްލު ކުރުމަށް ދިޔައީ މަސައްކަތް ކުރަމުންނެވެ.

ސަރުކާރުން މިރޭ ބުނީ މަސްވެރިންނަށް މަސްކިރުވުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން މިފްކޯގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށް މަސްވެރިން ބާނާ މަސް ތާޒާ ކަންމަތީ ގަނެ އަދި ފިނިކޮށް ރައްކާ ކުރުމަށް ދުވާލަކު 100 ޓަނުގެ މަސް ފިނި ކުރެވޭ އަދި 300 ޓަނުގެ މަސް ސްޓޯރު ކުރެވޭ ބޯޓެއް ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

މީގެ އިތުރުން މަސް އެކްސްޕޯޓް ކުރުމަށް 2،400 ޓަނުގެ ރީފާ ކެރިއަރެއް މިހާރު ގެނެސްފައިވާ ކަމަށެވެ.

މިފްކޯ އިން ބުނީ މަސްގަަތުމުގައި ދިމާވާ މައްސަލައަށް ހައްލެއް ހޯދުމަށް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުުރުމުގެ ގޮތުން ފެލިވަރު ކޯލްޑް ސްޓޯރޭޖް 500 މެޓްރިކް ޓަނަށް ބަދަލުކޮށްފައިވާ ކަމަށާ އަދި މިހާރު ކުރިއަށްދާ މަސައްކަތް ނިމުމުން ކެޕޭސިޓީ 8 ގުނަ އިތުރުވާނެ ކަމަށެވެ. އެ ގޮތުން 4،000 މެޓްރިކް ޓަނަށް އާ ކޯލްޑް ސްޓޭރޭޖް ބަދަލުވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މީގެ އިތުރުން މިފްކޯ އިން ބުނީ ކޫއްޑޫގައި މިހާރު ގާއިމުކޮށްފައިވަނީ 2000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ނަމަވެސް މިހާރު ކުރިއަށްދާ މަޝްރޫއު ނިމުމުން އިތުރު 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމު ކުރެވިގެންދާނެ ކަމަށެވެ. އަދި ކަނޑުއޮތްގިރީގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް އަކާއި ގދ ތިނަދޫގައި 1،000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް އެއް އަދި މ. މުލަކުގައި 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމު ކުރެވޭނެ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ މައްސަލައަށް ހައްލު ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ގޮތުން ރ. މަޑުއްވަރީ އާއި ކ. ގާފަރު ވަނީ އައިސްޕްލާންޓް ހަދާފަ އެވެ. އަދި 15 ރަށެއްގައި އައިސްޕްލާންޓް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.