ރާއްޖޭގެ ފުރަތަމަ ލޯކަލް ޑައިވިން ސްކޫލް، ފްރީ ޑައިވް މޯލްޑިވްސްއިން, މޫދު އަޑީގައި ނޭވާ ހިފެހެއްޓުމުގެ ދުނިޔޭގެ ރެކޯޑެއް އައު ކުރުމަށް ބާއްވާ ހަރަކާތުގެ މެއިން ސްޕޮންސަރުގެ ގޮތުގައި މާލެ ވޯޓަ އެންޑް ސުވެރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ހަމަޖައްސައިފި އެވެ.

މޫދު އަޑީގައި ނޭވާ ހިފެއްޓުމުގެ ދުނިޔޭގެ ރެކޯޑެއް އައުކުރުމަށް ބާއްވާ ހަރަކާތުގެ މެއިން ސްޕޮންސަރު އެއްބަސްވުމުގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ. އަދި ފްރީ ޑައިވްގެ ފަރާތުން ސޮއި ކުރެއްވީ ފްރީ ޑައިވްގެ ފައުންޑަރު ފަހުދު ފާއިޒް އެވެ.

ފްރީޑައިވް މޯލްޑިވްސް އިން އިން އިންތިޒާމް ކޮށްގެން ބާއްވާ "ނޭވާ 2" ހަރަކާތުގެ ދަށުން މަސައްކަތް ކުރާނީ އެންމެ ގިނަ އަދަދެއްގެ މީހުން އެއްފަހަރާ ބައިވެރިވެގެން ސްޓެޓިކް އެޕްނިއާގެ ރެކޯޑެއް ހެދުމަށެވެ.

ސްޓެޓިކް އެޕްނިއާއަކީ ނުފީނާ، މޫދު އަޑީގައި ނޭވާ ހިފަހައްޓައިގެން އޮންނަ އުކުޅަށް ކިޔާ ނަމެވެ. އެ ހަރަކާތުގެ ބައިވެރިން މޫދު އަޑީގައި ނޭވާ ނުލައި ދެ މިނެޓު ހޭދަ ކުރާނެ އެވެ.

ނޭވާ ޕްރޮގްރާމްގެ ފުރަތަމަ ބުރު ބޭއްވީ 2019 ވަނަ އަހަރެވެ. އެ އަހަރުއެންމެ ގިނަ މީހުން އެއްފަހަރާ ފްރީ ޑައިވްކުރުމުގެ ރިކޯޑެއް ރާއްޖޭގައި ވަނީ ހަދައިފަ އެވެ. ނޭވާ 2 ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިވަގުތަށް ހުޅުވާލާފައި ވަނީ ހަމައެކަނި ރިސޯޓުތަކަށެވެ. ނަމަވެސް ވަރަށް އަވަހަށް މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ އާންމުންނަށް ވެސް ފުރުސަތު ހުޅުވާލާނެ ކަމަށް ފްރީޑައިވް މޯލްޑިވްސްއިން ބުނެފައިވެ އެވެ.

"ނޭވާ 2" އަކީ ރާއްޖޭގެ ޓޫރިޒަމުގެ ރަންޔޫބީލާ ގުޅުވައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ހަރަކާތެކެވެ.