ދެކުނުގެ ވަސީލަތްތައް ތަރައްގީކުރަން ތަންފީޒީ މަރުހަލާ ވަރަށް އަވަހަށް ފެށޭނެ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.

ދެކުނުގެ މަސްވެރިކަން މިދުވަސްވަރު އާދަޔާ ހިލާފަށް ރަނގަޅުވުމުން ގއ. ކޫއްޑޫގައި ހުންނަ މިފްކޯގެ މަސްކާރުހާނާއަށް ކިރަން ދޯނިތައް ދިއުމުން އެ ކުންފުނިން ވަނީ ކޮންމެ ދޯންޏަކުން ވެސް ފަސް ޓަނުގެ މަސް ކޫއްޑުއަށް ކިރޭ ގޮތަށް ބަދަލުކޮށްފަ އެވެ. އަދި އެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ކޫއްޑޫގައި އިއްޔެ ވަނީ މުޒާހަރާކޮށްފަ އެވެ. އެ މުޒާހަރާތަކާ ގުޅިގެން ސަރުކާރުން އެންމެ ފަހުން ނިންމީ ކޫއްޑޫ ބަނދަރުގައި އަޅާފައި އޮތް ހުރިހާ ދޯންޏެއްގެ ހުރިހާ މަހެއް ކިރައި ދޭށެވެ.

މަސްދޯނިތަކަށް ވަކި ކިއު އޯޑަރެއް ދީ މަސް ކިރޭނެ ދުވަހާއި ތަރުތީބު ދުރާލާ އަންގަން ނިންމި އެވެ.

އެ މައްސަލަ ހައްލުކޮށް ކޫއްޑޫއިން އަލުން މަސްކިރަން ފަށާފައި ވަނީ ރޭ އެކެއް ޖެހި ފަހުންނެވެ. އޭރުގައި ކޫއްޑޫ ފަޅުގައި 26 ދޯންޏަކުން 559 ޓަނުގެ މަސް ކިރަން ހުރި ކަމަށް މަސްވެރިން ބުނެފައިވެ އެވެ.

ފައުޒީ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފާއިތުވެދިޔަ ތިން އަހަރު 156،238 މެޓްރިކް ޓަނުގެ މަސް އަދި މި އަހަރުގެ މިހާތަނަށް 21،238 މެޓްރިކް ޓަނުގެ މަސް މިފްކޯ އަށް ގަނެފައިވާ ކަމަށެވެ. އަދި ހުރި ވަސީލަތްތަކާއެކު މަސްވެރިން އަތުން މަސްގަނެ، ޕްރޮސެސްކޮށް އެކްސްޕޯޓްކުރުމަށް މިފްކޯގެ މުވައްޒަފުން ދައްކާ ހިތްވަރަށް އައްސަރިބަހާ ސާބަސް ދަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިފްކޯއިން ކެތްތެރިކަމާއެކު މަސްވެރިންނާއެކު ސާބިތުވެ ދެމިތިބޭނެ ކަމަށް ފައުޒީ ވިދާޅުވި އެވެ.

ފައުޒީ ވިދާޅުވީ މަސްވެރިކަމަށް ދެކުނުގެ ވަސީލަތްތައް ތަރައްގީކުރުމަށް ހެދިފައިވާ ޕްލޭންތަކުގެ ތަންފީޒީ މަރުހަލާ ދާދި އަވަހަށް ފެށިގެންދާނެ ކަމަށާއި ކޫއްޑޫ ވެސް އިތުރަށް ތަރައްގީކުރެވޭނެ ކަމަށެވެ.

ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖުތައް ފުރެމުންދާތީ ޖާގަ ހެދުމުގެ ގޮތުން މެދުކެނޑުމެއްނެތި ކެރިއާ ބޯޓުތައް ގެނެސްގެން ލޯޑުކޮށް އެކްސްޕޯޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިފްކޯއިން ބުނެއެވެ. އަދި ދެކުނުގެ މަސް ގަންނަ ފްލީޓާ ގުޅުމަށް 100 ޓަނުގެ މަސް ގަނެވޭ "ޖަޒީރާ 102" ބޯޓު ވެސް ވަނީ ގެނެސްފަ އެވެ.