ޓޫރިސްޓުން އިތުރު ކުރަން ސ. ގަމަށް ސްރީލަންކަން އެއާލައިންސްއިން ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ.

މިކަމާ ގުޅިގެން ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވަނީ އަންނަ މަހުން ފެށިގެން ހަފްތާ އަކު ތިން ދަތުރު އައްޑޫއަށް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިކަމުގެ ސަބަބުން އައްޑޫ އާއި ހުވަދޫއަށް އަންނަ ޓޫރިސްޓުން އިތުރުވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

"މީހުން އަންނަން ފަސޭހަވާނެ ގޮތެއް މި ހަމަޖައްސައި ދެނީ. މިހާރު ދެ ދުވަހަކަށް އަންނަން ބޭނުންވާ މީހުންނާ ހަފުތާއަަކަށް ޗުއްޓީއަށް އަންނަ ބޭނުންވާ މީހުންނަށް ވެސް މި ފުރުސަތު އޮންނާނެ،" ފިރާގު ވިދާޅުވި އެވެ.

ފިރާގު އިތުރަށް ވިދާޅުވީ ކުރު މުއްދަތަކަށް އައްޑޫގައި ޗުއްޓީ ހޭދަ ކުރުމަށްޓަކައި ޒިޔާރާތްކުރާ މީހުންނަށް ފަސޭހައިން އާދެވޭނެ ގޮތެއް ހަމަޖައްސާފައިވާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިންޑިއާ މާކެޓު ފުޅާ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އުންމީދެއްގައި މިކަން މި ކުރަނީ. ޓްރެފިކް މޫވްމެންޓް އިތުރުވާނެ ކަމުގެ" ފިރާގު ވިދާޅުވި އެވެ.