ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންއަށް އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕް މެދުވެރިކޮށް އެދި ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ މިއީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގެނައި ބަދަލެެއް ކަމަށެވެ.

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންއަކީ މުސާރަ ލިބޭ ފަރާތްތަކަށާއި ރިޓަޔަމަންޓް ޕެންޝަން ލިބޭ ފަރާތްތަކަށް 300،000 ރުފިޔާއާ ހަމަޔަށް ދޫކުރާ ފައިނޭންސިންއެކެވެ. މި ގޮތުން ތަކެތި ގަތުމުގެ ފުރުސަތާއި ކަސްޓަމަރު ބޭނުންނަމަ ފައިސާ ވެސް ދޫކުރާނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.

އެ ބޭންކުން ބުނިގޮތުގައި މަހުން މަހަށް މުސާރަ ނުލިބޭ ފަރާތްތަކަށް ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މައިކްރޯ މެދުވެރިކޮށް 25،000 ރުފިޔާއާ ހަމަޔަށް ފައިސާ ދޫކުރާނެ އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި ޕާސަނަލް ފައިނޭންސް އަދި ޕާސަނަލް ފައިނޭންސިން މައިކްރޯ އަށް ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި މަހުން މަހަށް ބަހާލައިގެން އަނބުރާ ފައިސާ ދެއްކޭނެ އެވެ. އަދި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ނަގުދު ފައިސާ ނެގޭ ހިދުމަތް ފޯރުކޮށްދެނީ އިސްލާމިކް ބޭންކިންގައި ފާހަގަކޮށްލެވޭ އުސޫލެއް ކަމުގައިވާ "ތަވައްރުގް" އުސޫލުން ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް ލުއި އެކްސްޕްރެސް އަދި ލުއި މައިކްރޯ މިހާރު ނަގާފައިވާ ކަސްޓަމަރުންނަށް ވެސް މި ފެސިލިޓީ މެދުވެރިކޮށް ރީފައިނޭންސް ކުރެވޭނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.