އެޗްޑީސީން ހުޅުމާލޭގެ މަގު ހަދަނިކޮށް، ގެއްލުންވި ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް އޮޕަރޭޝަނަށް ގެނެސް އަލުން ކަރަންޓު ދީފި އެވެ.

މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނި، ސްޓެލްކޯއިން ބުނީ އެޗްޑީސީން ހުޅުމާލޭގެ މަގު ހެދުމުގެ ތެރޭގައި އެ ކުންފުނީގެ މައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ، ގްރޭޓާ މާލޭ އިންޓަކަނެކްޝަން ގްރިޑްގެ ހިދުމަތް މެދުކެނޑުނު ކަމަށެވެ. އަދި މިހާރު މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދެމުން ގެންދަނީ އިންޓަކަނެކްޝަން މެދުވެރިކޮށް ހުޅުމާލެއިން ކަމަށް ވާތީ، އިންޓަކަނެކްޝަން އޮޕަރޭޝަނަށް ގެނެވެންދެން މާލެގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ވީއެންމެ އަވަހަކަށް އިންޓަކަނެކްޝަން އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން މިދަނީ ކުރަމުން. ދިމާވާނެ ދަތިތަކަށް މާފަށް އެދެން،" ސްޓެލްކޯ އިން ބުންޏެވެ.

މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑުނީ ހެނދުނު 9:30 ގަ އެވެ.

ސްޓެލްކޯއިން މީގެ އިރުކޮޅެއް ކުރިން ބުނީ ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑް އޮޕަރޭޝަނަށް ގެނެވި، މިހާރު ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށެވެ. އަދި އެއްވެސް ކަސްޓަމަރަކަށް ކަރަންޓުގެ ހިދުމަތް ނުލިބޭނަމަ 104 ނަމްބަރަށް ގުޅުމަށް ވެސް އެދިފައިވެ އެވެ.

"ދިމާވި ދަތިތަކަށް އަދިވެސް އެއްފަހަރު މާފަށްއެދެން،" އެ ކުންފުނިން ބުނެފައިވެ އެވެ.