ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގެ އަސަރުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ނާޒުކު ހާލަތެއް ކުރިމަތިވެފައިވާ ކަމަށާއި އަހަރުން އަހަރަށް ބޮޑުވަމުންދާ ރާއްޖޭގެ ދަރަންޏާ މެދު ސަމާލުވެ ދަރަނި މެނޭޖްކުރެވޭނެ ގޮތްތަކެއް ހޯދަން ވޯލްޑް ބޭންކުން ރާއްޖެއަށް އިލްތިމާސްކޮށްފި އެވެ.

އެ ބޭންކުން އިއްޔެ ނެރުނު އިކޮނޮމިކް އަޕްޑޭޓުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ އިގްތިސާދު ކުރިއެރި ނަމަވެސް ދަރަންޏާ ހެދި މާލީ ބުރައެއް އުފުލަން ޖެހިދާނެ އެވެ. އެހެންވެ، ރަނގަޅު ސްޓްރެޓެޖީތައް ބޭނުންކޮށްގެން ދަރަނި މެނޭޖްކުރުމަށް ވޯލްޑު ބެންކުން ވަނީ ސަރުކާރަށް ލަފާދީފަ އެވެ.

އަހަރަކު ދެ ފަހަރު ނެރޭ ސަރަހައްދީ އިގްތިސާދީ އަޕްޑޭޓާ އެކު މިއަދު ނެރުނު 'މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް'ގެ އެންމެ ފަހުގެ އަދަދުގައި ބުނެފައި ވަނީ މިިދިޔަ އަހަރުން ފެށިގެން ރާއްޖޭގެ ޓޫރިޒަމް ވަރަށް ބާރު ދުވެއްޔެއްގައި ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފަގީރުންގެ އަދަދު ރާއްޖޭގައި މަދުވެ ކޮވިޑްގެ ކުރިން ހުރި ވަރަށް އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު އިއާދަވާނެ ކަމަށް ވެސް ރިޕޯޓްގައި ފާހަގަކުރި އެވެ. އެގޮތުން 2023 ގައި ރާއްޖޭގެ ރިއަލް ޖީޑީޕީ ނުވަތަ އުފެއްދުންތެރިކަން 10.2 ޕަސެންޓްގައި ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ރާއްޖޭގެ އިގްތިސާދަށް އަސަރުކުރާނެ ކަމަށް ލަފާކޮށްފައިވަނީ ރަޝިއާ-ޔޫކްރޭން ހަނގުރާމައާ ހެދި އެވެ. އެ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުގައި ތަކެތީގެ އަގު އުފުލެމުންދާއިރު ހަކަތައިގެ ބާވަތްތަކުގެ އަގު އަދިވެސް އުފުލޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ރާއްޖެއަށް އެކަމުގެ ސަބަބުން އަސަރު ކުރާނީ ރާއްޖޭގެ އިގްތިސާދު އިމްޕޯޓަށް ބަރޯސާވެފައި އޮތުމުންނެވެ.

ހަނގުރާމައިގެ ސަބަބުން ޓޫރިޒަމަށް ވެސް އަސަރު ކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެއީ ރަޝިއާ އާއި ޔޫކްރޭނުން އަންނަ ޓޫރިސްޓުން މަދުވެ އެގޮތުގައި ގިނަ ދުވަސްތަކެއް ހޭދަވެދާނެ ކަމަށް ބެލެވޭތީ އެވެ.

"ދެހާސް ތޭވީސް ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ އިގްތިސާދު ކޮވިޑުގެ ކުރިން ހުރި ވަރަށް ދާނެ ކަމަށް ލަފާ ކުރެވޭ. ނަމަވެސް މާލީ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓުމަށް ވަރަށް ބޮޑަށް ދަރަނި މެނޭޖްކުރުް މުހިންމު،" ވޯލްޑް ބެންކުން ރާއްޖެ އާއި ލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައިވާ ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ރިޕޯޓްގައި ވިދާޅުވެފައިވެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ދެކުނު އޭޝިޔާގެ ގައުމުތަކަށް މިހާރު ވެސްވަނީ ތަކެތީގެ އަގުތައް އުފުލެމުން ދިއުމާއި ސަޕްލައިގެ ދަތިކަމާ އަދި މާލީ ދާއިރާތަކުގެ ނާޒުކުކަމާ ކުރިމަތިލާންޖެހިފަ އެވެ. ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މި ގޮންޖެހުންތައް އިތުރުވެ، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް އިތުރަށް އުފުލި އަދި މާލީ ހާލަތު މިހާރަށް ވުރެ ގޯސްވެގެންދާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ.

"ޓޫރިޒަމަށް ބަރޯސާވުމާއި އެހެން ދާއިރާތަކަށް އިގްތިސާދު ފުޅާކުރަން ހުރި ފުރުސަތުތައް ހަނިވުމަކީ ވެސް ނިޒާމީ ގޮތެއްގަ ހުރި ގޮންޖެހުންތަކެއް."

އެ ރިޕޯޓުގައި ރާއްޖޭގެ އިތުރުން މި ސަރަހައްދަށް ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތަކަށް ވެސް ވަނީ ބަލައިފަ އެވެ. ކޮވިޑާ ގުޅިގެން އަންހެނުންނަށް ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުމަކީ ވެސް ސަރަހައްދުގެ އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުމެއް ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

މިދިޔަ އަހަރު އެމްއެމްއޭއިން ލަފާ ކޮށްފައިވާ ގޮތުގައި ސޮވެރިން ގެރެންޓީ ހިމަނައިގެން، ދައުލަތުގެ ދަރަނި މި އަހަރު ނިމޭއިރު 103 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.