މަސްކިރުވަން ކޫއްޑޫ ބަނދަރުގައި ކިޔޫ ހަދައިގެން އޮތް 63 ދޯނީގެ ތެރެއިން، މިހާތަނަށް އެކި ދޯނިތަކުން 600 ޓަނު މަސް ކިރުވައިފި ކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓާ އިސްމާއިލް ފައުޒީ މިއަދު ވިދާޅުވެއްޖެ އެވެ.

ކޫއްޑޫގައި މަސް ކިރުމުގައި ކޮންމެ ދޯންޏަކަށް ފަސް ޓަނުގެ ލިމިޓެއް ކަނޑައެޅުމާ ގުޅިގެން ގިނަ އަދަދެއްގެ މަސްވެރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް ހަޅުތާލުކޮށްފަ އެވެ. މިކަމަށް ހައްލެއް ހޯދަން މަސްވެރިންނާއި މިފްކޯގެ މެނޭޖްމެންޓާ އެކު މަޝްވަރާކުރުމަށް ފަހު އަންގާރަ ދުވަހު މެންދުރު ފަހު ވަނީ މަސްވެރިން ބޭނުންވި ގޮތަށް ކިޔުގައި ޖެހޭ ކޮންމެ ދޯންޏެއްގެ ހުރިހާ މަހެއް ކިރަން އެއްބަސްވެފަ އެވެ.

"މިހާރު މިދާ ގޮތުން ކިޔޫގައި ތިބި ހުރިހާ ދޯންޏަކުން މަސް ކިރައި ނިމޭނީ ހޮނިހިރު ދުވަހު. މިހާރު ވެސް 600 ޓަނުގެ މަސް ގަނެވިއްޖެ،" މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް "ހުރިހާ"އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާދަމާ ވެސް މިފްކޯއިން މަސް ގަންނާނެ ކަމަށެވެ. އެކަމަކު އަދިވެސް ދޯނިތަކުން ގިނަ އަދަދަކަށް ބާނައިގެން ކޫއްޑުއާ ދިމާލަށް ދަތުރުކުރަމުން އަންނަ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"ބާނާއިގެން އަންނަ ވަރަކަށް އެބަ އާދޭ. އެކަމަކު މިވަގުތު މަސް ގަންނަނީ ހަމައެކަނި ކިޔޫގައި ތިބި ދޯނިތަކުން،" އޭނާ ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ ކޫއްޑޫއިން އާއި މިފްކޯގެ ކެރިއަރުގައި ވެސް މަސް ގަންނަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މިގެންދަނީ ޗާޓަރަށް ގެނެސް އޮތް ބޯޓަށް ލޯޑުކުރަމުން. އެ ބޯޓު ފުރައިގެންދާއިރަށް އަނެއް ބޯޓު އަންނާނެ،" އޭނާ ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ މިހާރު ވެސް ކޮންމެ ދޯންޏަކުން އެވްރެޖްކޮށް 30 -40 ޓަނުގެ މަސް ބާނާ ކަމަށެވެ. އަދި އެ ދޯނިތަކުން ވެސް ޖެހޭނީ މިހާރު އޮތް ކިޔޫ ހުސްވަންދެން ކިޔޫގައި މަޑުކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަސްވެރިކަން ރަނގަޅުވާ ކޮންމެ ފަހަރު މަސް ކިރުމަށް ދަތިވެ، ގިނަ އުނދަގޫތަކެއް ކުރިމަތިވެ އެވެ.

މިފްކޯއިން ބުނީ އެކުންފުނީގެ ފްރީޒިން ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތައް ފެށޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.