މިދިޔަ އަހަރު ލިބުނު ސާފު ފައިދާއިން ބީއެމްއެލްގެ ހިއްސާދާރުންނަށް އިންޓަރިމް ޑިވިޑެންޑް ބަހައިފި އެވެ.

ބީއެމްއެލްއިން ބުނީ އިންޓަރިޒް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 13 ރުފިޔާގެ މަގުން 70 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބެހުމަށް ނިންމާފައިވާ ކަމަށެވެ. މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެކުންފުނީގެ ހިއްސާދާރުން ގޮތުގައި ތިބި ފަރާތްތަކަށް މި ޑިވިޑެންޑް ލިބޭނެ ކަމަށް ވެސް ބީއެމްއެލްއިން ބުނެ އެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން މީގެ ކުރިން ވަނީ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 35 ރުފިޔާގެ މަގުން 188 މިލިއަން ރުފިޔާ ބެހުމަށް ނިންމައިފަ އެވެ. އަދި ޑިރެކްޓަރުންގެ ބޯޑުން އިންޓަރިމް ޑިވިޑެންޑެއް ބެހުމަށް މިދިޔަ މަހު ނިންމާފައިވާތީ ގިނަ ހިއްސާދާރުންނަށް ޑިވިޑެންޓްގެ ގޮތުގައި ހިއްސާއަކަށް 48 ރުފިޔާ ލިބޭނެ އެވެ.

މިދިޔަ އަހަރު ބީއެމްއެލްއަށް ފައިދާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފައިވާ އިރު އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ، ކޮވިޑް-19 އާ ގުޅިގެން އެ ކުންފުންޏަށް ކުރިމަތިވި އުދަގޫ ހާލަތަށް ފަހު އެކުންފުންޏަށް މިހާ ބޮޑު ފައިދާއެއް ލިބުނު ފުރަތަމަ ފަހަރެވެ.