މިދިޔަ މަހު ރާއްޖެއިން ބޭރުކުރި މުދަލާއި އެތެރކުރި މުދަލުގެ އަދަދު އިތުރުވުމުގެ ސަބަބުން ދައުލަތަށް ލިބުނު އާމްދަނީ 21 އިންސައްތަ އިތުރުވެއްޖެ އެވެ.

ކަސްޓަމްސްއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މާޗް މަހުގައި އިމްޕޯޓު އަދި އެކްސްޕޯޓުން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 319 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މާޗް މަހު ލިބިފައިވަނީ 294 މިލިއަން ރުފިޔާ އެވެ. މިއީ 21 އިންސައްތަގެ އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ މާޗުމަހު ރާއްޖެއަށް 3.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު މިދިޔަ މާޗުމަހު މި އަދަދު ހުރީ 3.9 ބިލިއަން ރުފިޔާގަ އެވެ. މިއީ 15 އިންސައްތައިގެ ކުރިއެރުމެކެވެ.

ރާއްޖެއަށް އެތެރެކުރި މުދަލުގެ ސީއައިފް އަގުގެ އިތުރުން، ރާއްޖޭން ބޭރުކުރި މުދަލުގެ އެފްއޯބީގެ އަގު ވެސް ވަނީ މިދިޔަ އަހަރުގެ މާޗަށް ވުރެ މިދިޔަ މަހު 28 އިންސައްތަ އިތުރުވެފަ އެވެ. އެގޮތުން ރާއްޖޭން 432 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ބޭރުކޮށްފައިވަނީ 337 މިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަ މަހުގެ އިމްޕޯޓް އެކްސްޕޯޓްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަގުގެ ގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ގަލްފްގެ ގައުމުތަކުންނެވެ. އަދި މިދިޔަ މަހު ރާއްޖޭން ބޭރުކުރި މުދަލުގެ ދެބައިކުޅަ އެއްބައި މުދާ ބޭރުކޮށްފައިވަނީ ތައިލޭންޑަށެވެ.