ބީއެމްއެލް އިސްލާމިކް އިން ބިޒްނަސް ކަސްޓަމަރުންނަށް ހާއްސަކޮށް މުޅިން އައު ޕޭމަންޓް ސޮލިއުންޝަންއެއްގެ ގޮތުގައި މާސްޓަ ކާޑުގެ ބިޒްނަސް ޑެބިޓް ކާޑު މިއަދު ތައާރަފްކޮށްފި އެވެ.

އެ ބޭންކުން ބުނީ އަލަށް ތައާރަފް ކުރެވުނު ކާޑުން ފަސޭހަކަމާއެކު ބިޒްނަސް އެކައުންޓް ބޭނުންކުރުމާއި، ވިޔަފާރީގެ ހަރަދުތައް ބެލެހެއްޓުމާއި އަދި ނަގުދު ފައިސާއިން ކުރާ މުއާމަލާތްތައް ބަލަހައްޓަން ފަސޭހަވެގެންދާނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ ކުރިއަރަމުންދާ ވިޔަފާރިތަކަށް އެހީވުމަށް އެންމެ އެކަށޭނެ ބޭންކިން ހައްލުތައް ހޯދައިދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން އައު ޕޭމަންޓް ނިޒާމެއް ތައާރަފްކުރުމަކީ އެ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ.

"އަލަށް ތައާރަފްކުރެވުނު މާސްޓަރކާޑު ބިޒްނަސް ޑެބިޓް ކާޑަކީ ވިޔަފާރިތަކުން ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރުމަށް އެހީވެ އަދި ގިނަ ވިޔަފާރިތަކުން ބޭނުންވާފަދަ ކޭޝްލެސް ޕޭމަންޓްގެ ހިދުމަތް ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަށް ބީއެމްއެލް އިސްލާމިކް އިން ތައާރަފް ކުރެވުނު ހިދުމަތެއް،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް މި ކާޑު ބޭނުންކުރެވޭނެ ކަމަށެވެ. އަދި ބީއެމްއެލް އިން ދޫކުރާ އެހެނިހެން ކާޑުތަކެކޭ އެއްގޮތަށް އަލަށް ތައާރަފް ކުރި މާސްޓަކާޑު ބިޒްނަސް ޑެބިޓް ކާޑުގައި ވެސް އެންމެ ފަހުގެ ސެކިއުރިޓީ ފީޗާސްތައް އެކުލެވޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 80 ސެލްފްސާވިސް ބޭންކިން ސެންޓަރު، 138 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ބީއެމްއެލް އިސްލާމިކް ބިޒްނަސް ޑެބިޓް ކާޑާއި ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/islamic އިން ލިބޭނެ އެވެ.