ފުޅީގައި ބަންދުކޮށްފައިވާ ފެން ވިއްކުމުގައި ލިމިޓްކުރުމެއް ނުގެންގުޅޭ ކަމަށް "ތާޒާ" ބްރޭންޑުގެ ފެން އުފައްދާ އައިލެންޑް ބެވަރޭޖަށް މޯލްޑިވްސް (އައިބީއެމް) އިން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީގެ ބޮޑު ހިއްސާއެއް އޮންނަ އެ ކުންފުނިން ބުނީ ޑިމާންޑާ އެއްވަރަށް ފެން ވިއްކަމުން އަންނަ ކަމަށެވެ. އަދި މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ފެން ޑެލިވަކޮށްދިނުމަށް ކަނޑައަޅާފައިވާ ވަގުތު ކުޑަވުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ފެން ޑެލިވަކުރުމަށް ކަނޑައަޅާފައިވާ ގަޑިތަކަކީ ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް އަދި ރޭގަނޑު 9:00 އިން މެންދަމު 2:30 އަށެވެ. އަދި ލިބޭ ވަގުތު ކުޑަވުމުގެ ސަބަބުން ރަށްރަށަށް ފެން ގެންދިޔުމަށް ބޯޓުތަކަށް ފެން ޑެލިވަކޮށްދިނުމަށް ބައެއް ދަތިތަކެއް އެބަހުރި ކަމަށް އައިބީއެމުން ބުންޏެވެ. މިއާއެކު ބައެއް ރަށްރަށަށް ތާޒާ ފެން ލިބުނުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.

އައިބީއެމުން ބުނީ މިދުވަސްވަރު މޫސުމީގޮތުން ހޫނު ގަދަވެފައި ރޯދަމަސް ކަމަށްވުމުން ވެސް ފުޅީގައި ބަންދުކުރި ފެނަށް އޮންނަ ޑިމާންޑް ބޮޑުވެފައިވާ ކަމަށެވެ. ނަމަވެސް ފެން އުފެއްދުމުގައި އެއްވެސް ދަތިކަމެއް ނެތްކަން އައިބީއެމުން ފާހަގަކުރެ އެވެ.

"ތާޒާ" ފެނުގެ ފަސް ލީޓަރުގެ ފެން އުފައްދަނީ މާލޭގައި ހުންނަ ކާރުޚާނާއިންނެވެ. އެހެން ނަމަވެސް "ތާޒާ" ފެނުގެ އެހެން ސައިޒްތަކުގެ ފުޅި އުފައްދަނީ ހުޅުމާލޭގައި ހުންނަ ކާރުޚާނާއިންނެވެ.