ހއ. ހޯރަފުށީގައި ހެދި އެއާޕޯޓް ޓެސްޓް ފްލައިޓް މިއަދު ޖައްސައި، ޝެޑިއުލް ފްލައިޓް ދަތުރުތައް މާދަމާ ފަށަން ނިންމައިފި އެވެ.

ހއ. އަތޮޅުގައި ހެދި ފުރަތަމަ އެއާޕޯޓަށް ދިޔަ ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސާފައި ވަނީ މިއަދު ހެނދުނު 9:15 ހާއިރު އެވެ. ޓެސްޓް ފްލައިޓްގައި ފުރަތަމަ ވަޑައިގެންނެވީ، މި އެއާޕޯޓް ހުޅުވުމަށް ވަޑައިގަންނަވާ ޓީމުގައި ހިމެނިވަޑައިގަންނަވާ ޓެކްނިކަލް ބޭފުޅުންނެވެ. ޓެސްޓް ފްލައިޓަށް މަރުޙަބާ ކިޔުމުގެ ގޮތުން ހއ. ހޯރަފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ހޯރަފުށީ އެއާޕޯޓަށް ގޮސްފައިވެ އެވެ.

މި މަޝްރޫއަށް ދިވެހި ސަރުކާރުން 198 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެ އެވެ.

ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ސަރުކާރުގެ ކުންފުނި، މޯލްޑިވިއަން އިން މިއަދު ބުނީ ހޯރަފުށީ އެއާޕޯޓް މާދަމާ ރަސްމީކޮށް ހުޅުވައި ޝެޑިއުލް ދަތުރު ފެށޭނެ ކަމަށެވެ. އެ އެއާޕޯޓަށް ކުރާ ދަތުރުތަކުގެ އަގެއް މޯލްޑިވިއަނުން ހާމައެއް ނުކުރެ އެވެ.

އެމްޓީސީސީ އާ ހަވާލުކޮށްގެން ހޯރަފުށީގައި ހެދި އެއާޕޯޓްގައި 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެއް އޮވެ އެވެ. 8،635 ސްކުއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކުއާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކުއާ މީޓަރުގެ ފަޔާ އެކްސެސް މަގެއް ވެސް މި މަޝްރޫއުގެ ދަށުން ވަނީ ތަރައްގީކޮށްފަ އެވެ.

ހއ. ހޯރަފުށީ އެއާޕޯޓުގައި މިއަދު ޓެސްޓް ފްލައިޓް ޖައްސާފައި. މޯލްޑިވިއަން އިން މާދަމާ ޝެޑިއުލް ދަތުރުތައް ފަށާނެ. ފޮޓޯ: އެމްޓީސީސީ

ކުރީ ސަރުކާރުން ހއ މާފިނޮޅުގައި ތަރައްގީ ކުރަން ނިންމި އެއާޕޯޓު ހޯރަފުށީގައި އެޅުމަށް ނިންމީ މި ސަރުކާރުންނެވެ. މިދިޔަ އަހަރުގެ މާޗް 25 ގައި އެމްޓީސީސީއާއެކު އެއާޕޯޓް ތަރައްގީކުރުމަށް ސޮއިކުރުމަށްފަހު އޭގެ 24 ދުވަސް ފަހުން ވަނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފަ އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް 18 ގައި ހޯރަފުށީ ފަޅުން 16 ހެކްޓަރުގެ ބިން ހިއްކައިގެން އެރަށުގައި އެއާޕޯޓްގެ މަސައްކަތް ނިންމީ އެ މަސައްކަތް ފެށިތާ 576 ދުވަސް ނުވަތަ ދޮޅު އަހަރު ދުވަހުގެ ތެރޭގަ އެވެ.