ކޮމިއުނިޓީ ފަންޑުގެ ދަށުން ކ. މާފުށީގައި ފޮތް ކިއުމަށް މަޑުކޮށްލާނެ ހާއްސަ ތަނެއް ގާއިމްކޮށްފި އެވެ.

"ފޮތް ގުންޒަރު"ގެ ނަމުގައި މި ޕްރޮޖެކްޓް ހިންގާފައިވަނީ ނިއު ސްޓާ ސްޕޯޓްސް ކްލަބުންނެވެ. މިއީ މާފުށީގައި ދިރިއުޅޭ ފަރާތްތަކާއި ޒިޔާރަތްކުރާ ފަރާތްތައް މަޑުކޮށްލާނެ ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމަށާއި މިތަނުގައި މަޑުކޮށްލާ ވަގުތަކީ ފައިދާހުރި ވަގުތުކޮޅަކަށް ހެދުމުގެ މަގުސަދުގައި ހިންގުނު ޕްރޮޖެކްޓެއް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ރަށުގެ ބަނދަރު ސަރަހައްދުގައި ގާއިމްކުރެވިފައިވާ މި ފޮތް ގުންޒަރުގައި އެކި އުމުރު ފުރާތަކަށް ހާއްސަ ފޮތް އެކުލެވެ އެވެ. އަދި ބޭރުގައި ބެންޗް ބަހައްޓައި އަދި އިންޑޯ ބައިގައި ބީން ބޭގް ވެސް ވަނީ ބަހައްޓާފަ އެވެ.

މި ޕްރޮޖެކްޓާ ގުޅޭގޮތުން ނިއު ސްޓާ ސްޕޯޓްސް ކްލަބުން ބުނީ މި ފޮތް ގުންޒަރަކީ ރަށުގެ ރައްޔިތުންނާއި ފަތުރުވެރިން ހިތްފަސޭހަ މާހައުލެއްގައި ދިމާވެ ފޮތްކިޔާލުމަށް ރަނގަޅު ތަނެއް ކަމަށެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން ކ. މާފުށީގައި ހެދި ފޮތް ކިއުމަށް މަޑުކޮށްލާނެ ހާއްސަ ތަން. ފޮޓޯ: ބީއެމްއެލް

"ޖާގައެއް ނެތުމުގެ ސަބަބުން އާންމު ގޮތެއްގައި މި ޖެހެނީ ބަނދަރު މަތީގައި ހުންނަ ކެފޭ އެއްގައި މަޑުކޮށްލަން. މި ތަނުގައި އެކި އުމުރުފުރާތަކާ ގުޅޭ އެކަށީގެންވާ އަދަދެއްގެ ފޮތް ހުރުމާއެކު މި ތަނުގައި މަޑުކޮށްލާ ވަގުތަކީވެސް މައުލޫމާތު މުއްސަނދިވެ، ހިތް ފަސޭހަ ވަގުތުކޮޅަކަށް ވެގެން ދާނެކަމަށް އަޅުގަނޑުމެން އުންމީދުކުރަން،" އެ ކްލަބުން ބުންޏެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަަކީ އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ރަށްރަށުގައި ދެމެހެއްޓެނެވި ގޮތެއްގައި ޕްރޮޖެކްޓް ހިންގުމަށް ހުޅުވާލެވޭ ފުރުސަތެކެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން މިހާތަނަށް 65 ޕްރޮޖެކްޓަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ކ. އަތޮޅުގެ ތިން ރަށަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މި ރަށްތަކަކީ ގާފަރު، ކާށިދޫ އަދި މާފުއްޓެވެ.