ކޮންމެ އަހަރަކު ވެސް ރޯދަ މަހާއި ދިމާކޮށް މާރުކޭޓުގައި ތަކެތީގެ އަގުތައް އުފުލިގެންދެ އެވެ. އެގޮތުން މިއަހަރުގެ ރޯދަ މަހުގެ ކުރީގެ ކޮޅު މާރުކޭޓްގައި ތަކެތީގެ އަގު އިންތިއަށް އުފުލިގެންދިޔަ އެވެ. އެހެން ނަމަވެސް ރޯދަ މަސް ދެބައިވިއިރު، މިހާރު މާރުކޭޓްގައި ވިއްކާ ތަކެތީގެ އަގުތައް ވަނީ ދަށަށް ދާން ފަށައިފަ އެވެ.

ރޯދަ މަސް ފެށުނުއިރު މާރުކޭޓްގައި އަގު އުފުލުނު ލުނބޯ އާއި މިރުހުގެ އަގު މިހާރު ވަރަށް ބޮޑަށް ތިރިވެފަ އެވެ. އޭރު ލުނބޯ ކިލޯއެއް 150 ރުފިޔާ އާއި 200 ރުފިޔާ ދެމެދު ހުރިއިރު މިހާރު ލުނބޯ ކިލޯއެއް ހުރީ 50 ރުފިޔާ އާއި 70 ރުފިޔާއާ ދެމެދު އެވެ.

ކަނޑޫދޫ މިރުހުގެ އަގު ވެސް މިހާރުވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން މިހާރު މިރުސް ކިލޯއެއް ލިބެން ހުރީ 250 ރުފިޔާ އާއި 400 ރުފިޔާ ދެމެދުގަ އެވެ.

ދަތުރުވެރިން މާރުކޭޓް. ތަކެތީގެ އަގުތައް ވަނީ ދަށަށް ގޮސްފައި. ފޮޓޯ: ހުސެއިން ނާފިޒް | ހުރިހާ

ރޯދަ މަހު އެންމެ ގިނަ މީހުން ބޭނުންކުރާ ކަރަލުގެ އަގު ވެސް މިހާރު ވަނީ ދަށްވެފަ އެވެ. އެގޮތުން މިހާރު ކަރާ ކިލޯއެއް ލިބެން ހުރީ 20 ރުފިޔާ އާއި 15 ރުފިޔާ ދެމެދުގަ އެވެ.

މާރުކޭޓުން އަނބު ލިބެން ހުރީ ކިލޯއެއް 100 ރުފިޔާ އާއި 130 ރުފިޔާ ދެމެދުގަ އެވެ. އަލަނާސި ކިލޯއެއް 70 ރުފިޔާއަށް ލިބެން ހުރިއިރު ފޭރު ކިލޯއެއް ލިބެން ހުރީ 90 ރުފިޔާ އަށެވެ. ކުރުބާ ލިބެން ހުރީ 35 ރުފިޔާ އާއި 45 ރުފިޔާ ދެމެދުގަ އެވެ.

ދަތުރުވެރިން މާރުކޭޓް. ތަކެތީގެ އަގުތައް ވަނީ ދަށަށް ގޮސްފައި. ފޮޓޯ: ހުސެއިން ނާފިޒް | ހުރިހާ

މާރުކޭޓުން ލިބެން ހުރި ތަރުކާރީ އާއި މޭވާގެ އަގުތަށް ވެސް ވަނީ ބޮޑުތަނުން ދަށްވާން ފަށާފަ އެވެ.

ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގެ އިތުރުން މަސް މާރުކޭޓުގައި ވެސް އަގުތައް ވަނީ ދަށްވެފަ އެވެ.