ރާޅު ބާނިތަކެއް ސިފަވާ ގޮތަށް ޑިޒައިންކޮށްފައިވާ ވެލާނާ އެއާޕޯޓުގައި އަލަށް ހަދާ ޓާމިނަލްގެ ބޭރުގެ ބައެއް ކުރެހުންތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ދައްކާލައިފި އެވެ.

އެމްއޭސީއެލް އިން އާއްމުކުރި ޖުމްލަ ހަތަރު ކުރެހުމުގައި ދައްކާލާފައި ވަނީ ޓާމިނަލްގެ ބޭރުން ފެންނަ ގޮތުގެ ދެ ކުރެހުމާއި ޓާމިނަލަށް ވަންނަ ތަނުގެ ބޭރާއި އެތެރޭގެ ދެ ކުރެހުމެކެވެ. އެ ކުރެހުންތަކުގައި ޓާމިނަލަށް ވަންނަ ގޭޓްތަކުގެ ކުރެހުންތަކެއް ވެސް ދައްކާލައިފަ އެވެ.

ރާޅު ބާނިތަކެއް ސިފަވާ ގޮތަށް ޓާމިނަލްގެ ކުރިމަތިން ފެންނައިރު، އެ ތަނުގެ ބޭރުން ފެންނަ ފާރުތައް ޑިޒައިންކޮށްފައި ވަނީ އިހުގެ މިސްކިތްތަކުގެ ފާރުގައި ހުންނަ ކަހަލަ ހިރިގަލުގެ ކުރެހުންތައް އަސްލަކަށް ބަލައިގެންނެވެ. އެކަމަކު ޑިޒައިންތައް ދައްކާލުމުގެ އިތުރުން އެހެން މައުލޫމާތެއް އެ ކުންފުނިން އަދި އާންމެއް ނުކުރެ އެވެ.

ގާތްގަނޑަކަށް 78،000 އަކަމީޓަރުގެ ޖާގަ ހިމެނޭ އާ ޓާމިނަލް ހަދަނީ އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ ގޮތަށެވެ.

އާ ޓާމިނަލްގެ މަސައްކަތް ކުރީ ސަރުކާރުން ހަވާލުކުރީ ސައުދީ ބިންލާދިން ގްރޫޕާ އެވެ. އެއީ، ސައުދީ އަރަބިއްޔާގެ ވެސް އެންމެ ވަރުގަދަ އެއް ކުންފުންޏެވެ. އަދި އެ މަސައްކަތުގެ ސަބް ކޮންޓްރެކްޓަރަކީ ސިނަމާލެ ބްރިޖް ހެދި ޗައިނާގެ ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހަދާ ޕެސެންޖާ ޓާމިނަލްގެ ބޭރުން ފެންނަ ގޮތުގެ ޑިޒައިނެއް. ފޮޓޯ: އެމްއޭސީއެލް

އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ޒަމާނީ ވަސީލަތްތަކާ އެކު ހަދާ ޓާމިނަލްގެ މަސައްކަތް ބިން ލާދިން ގްރޫޕާ ހަވާލުކުރީ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) އަށެވެ. އެ މަސައްކަތް، 2019 ވަނަ އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ތަފާތު ސަބަބުތަކާ ހެދި މަޑުޖައްސާލައިފަ އެވެ.

މި މަސައްކަތަށް ފައިސާ ޚަރަދު ކުރަނީ ސައޫދީ އާއި އަބޫދާބީ އަދި ކުވެއިތު ފަންޑުން އުފައްދާފައިވާ ކޮންސޯޓިއަމަކުންނެވެ.

ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ހެދި ޑިޒައިންނަށް މި ސަރުކާރުން 2019 ވަނަ އަހަރު ބަދަލު ގެންނަން ބޭނުންވުމުން އެކަމުގައި އިސްކޮށް އުޅުއްވީ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރުކަން ކުރެއްވި މަޝްހޫރު އާކިޓެކްޓް މައުރޫފް ޖަމީލު (މާއި) އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހަދާ ޕެސެންޖާ ޓާމިނަލްގެ އެތެރޭގެ ޑިޒައިނެއް. ފޮޓޯ: އެމްއޭސީއެލް

އެއާޕޯޓްގެ ޕްރޮޖެކްޓްތައް ހިންގެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައި ހުންނެވި މަންދޫބު އަދި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ކަމަށް އިއްޔެ އައްޔަންކުރި މަހުޖޫބު ޝުޖާއު "ހުރިހާ"އާ ވާހަކަދައްކަވަމުން މިދިޔަ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ވިދާޅުވީ މައުރޫފްއާ ހަވާލުކުރީ އެއާޕޯޓުގެ އާ ޓާމިނަލްއިން ދިވެހި ވަންތަ ސިފަތަކެއް ގެނައުމަށް ކަމަށެވެ. އަދި އެތަނުގެ ޑިޒައިނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ މަސައްކަތް މިހާރު ވަނީ ނިމިފައި. އެއީ ޓާމިނަލް ނިމިފައި ހުންނައިރު ދިވެހިވަންތަ ސިފަތަކެއް ގެނައުމަށް މާއިއާ ހަވާލުކުރީ،" މަހުޖޫބު ވިދާޅުވި އެވެ.

މައުރޫފް ޖަމީލް ކުރިން ވިދާޅުވީ ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްގެން އެމްއޭސީއެލް އިން ހެދި ޑިޒައިން ވެސް ހުރީ ދާދި އެއްގޮތަށް ކަމަށެވެ. އަދި ފަހުން އެމްއޭސީއެލް އިން ވެސް އާކިޓެކްޓަކު ހޯދައިގެން ވެސް ޓާމިނަލްގެ ޑިޒައިނަށް ބަދަލުތަކެއް ގެނައި ކަމަށްވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހަދާ ޕެސެންޖާ ޓާމިނަލްގެ އެތެރޭގެ ޑިޒައިނެއް. ފޮޓޯ: އެމްއޭސީއެލް

އާ ޓާމިނަލް ނިމި، ބޭނުން ކުރަން ފެށުމުން، މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލް ބަދަލުކުރާނީ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ދަތުރުތަކަށް ބޭނުންކުރާ ތަނެއްގެ ގޮތުގަ އެވެ.

އެމްއޭސީއެލް އިން ޓާމިނަލްގެ މަސައްކަތް ނިމޭނެ ކަމަށް ކުރިން ލަފާކުރީ އަންނަ އަހަރުގެ ތެރޭގަ އެވެ.