ފުރަތަމަ ފަހަރަށް ރާއްޖޭގައި ސީޕްލޭންގެ ފަޅުވެރިންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ޝަރަފް މަންތާ އެއާގެ ދެ އަންހެން ކްރޫންނަށް ލިބިއްޖެ އެވެ.

ރާއްޖޭގައި ކަނޑަށް ޖައްސާ ބޯޓުގައި ހަރަކާތްތެރިވާ ފުރަތަމަ ދިވެހި އަންހެން ފަޅުވެރިންނަށް ވުމުގެ ޝަރަފު ހޯދީ ކުޅުދުއްފުއްޓަށް ނިސްބަތްވާ އާމިނަތު ތަސްލީމާ (32) އަދި މާލެއަށް ނިސްބަތްވާ އާއިޝަތު މުޒްނާ (31) އެވެ.

އާދައިގެ ފްލައިޓް ތަކާ އަޅާބަލާއިރު ސީޕްލޭންގެ ކެބިން ކްރޫއިންގެ މަސައްކަތަކީ ބުރަ ބޮޑު މަސައްކަތެކެވެ. އަދި މިހާތަނަށް އެމަސައްކަތުގައި ރާއްޖޭގައި ހަރަކާތްތެރިވެފައިވަނީ ފިރިހެން ފަޅުވެރިންނެވެ.

އެހެންނަމަވެސް ތަސްލީމާ އާއި މުޒްނާ ބުނިގޮތުގައި ސީޕްލޭން ގައި ކުރަންޖެހޭ މަސައްކަތްތަކަކީ ހަމައެކަނި ފިރިހެނުންނަށް ކުރެވޭނެ މަސައްކަތެއް ނޫނެވެ.

ހަމައެހެންމެ އެކަމަށް ހިތްވަރު ހުރިނަމަ އަންހެނުންނަށްވެސް އެމަސައްކަތް ކުރެވޭނެ ކަމަށާއި، މިއީ ގިނަ އަންހެނުންނަށް ހުޅުވުނު ފުރުސަތެއް ކަމަށް ތަސްލީމާ އާއި މުޒްނާ ބުނެފައިވެ އެވެ.